މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ކަލޭގެ އަނގައިން އެ އެއްޗެހި ބޭރުކުރެވޭނެ ގޮތް އަހަންނަށް އެނގޭ.. ހަމަ މިހާރު ބުނޭ..." ރާފިހްއަށް ގޮތް ހުސްވިއެވެ.

އަހަރެން ވިސްނާލަން ކަލެއަށް ފަނަރަ މިނިޓް ދޭނަން.... އެއަށްފަހުވެސް ކަލޭގެ އަނގައިން ހަޤީގަތް ބޭރު ނުވެއްޖެއްޔާ އަހަރެމެންގެ އަމާޒަކަށް ވާނީ މި ކުއްޖާކަށް ހަނދާން ކުރައްޗޭ" ޔާސިރު ޒުބައިރު އާއެކު އެ ކޮޓަރި ގަނޑުގެ ތެރޭން ނުކުތެވެ. އެއާއެކު ރާފިހް އެތަނުގައި އެކަނިވިއެވެ. އެތަނަށް ބަލާލާފައި އެއީ ހަދަމުންދާ އިމާރާތެއް ކަން އެނގެއެވެ. ނޫނީ އެއީ ގުނަނެއްގެ ބައެކެވެ. އައްސާފައިވާ ވާގަނޑުން އޭނާގެ އަތް މިނިވަން ކުރާނީ ކިހިނެތްކަން ރާފިހް އަކަށް ނޭނގުނެވެ. ވަށައިގެން ހޯދާލީ އެތަނުން އޭނާއަށް ބޭނުންކުރެވޭނޭ އެއްވެސް އެއްޗެއް އޮތްތޯއެވެ. ނެތެވެ. އެކައްޗެއްވެސް ނެތެވެ. ދާހިތްލާ ފޯވެފައި އިން އިރު އޭނާގެ ސިކުނޑި ދިޔައީ ފުދޭވަރަކަށް ބާރަށް މަސައްކަތް ކުރަމުންނެވެ. އޭނާ ޖެހޭނީ ހިތްވަރު ކުރާށެވެ. މިހާ ހިސާބުން ޔާސިރުއަށް ކުރި ލިބުނަކަ ދީގެން ނުވާނެއެވެ. އަތް މިނިވަން ކުރެވޭތޯ އުޅުނު ރާފިހްގެ އަތަށް ކުޑަ ލުޔެއް އިޙްސާސްވިއެވެ. އެއާއެކު އޭނާ އުނދަގުލުން ނަމަވެސް އަތުގައި އައްސާފައިވާ ވާގަނޑު ނައްޓާލިއެވެ. އަތަށް ބަލާލުމާއެކު އައްސާފައި ވާތަނުން ލޭ އަންނަމުން ދިޔަ ތަން ފެނުނެވެ. ގައިގައިވެސް ދިޔައީ އެހާ ވަރަށް ރިއްސަމުންނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު ކޮށްފައި ފައިގައި އައްސާފައިވާ ވާގަނޑުވެސް މޮހާލިއެވެ. މަޑުމަޑުން އިނދެ ގެން މޮހަމުން ދިޔައިރު އޭނާގެ ހިތްވެސް ދިޔައީ ނުހަނު ބާރުމިނުގައި ތެޅެމުންނެވެ. އަމިއްލައަށް ސަލާމަތް ވެވުމާއެކު އޭނާ ގޮސް މަޑުކުރީ ދޮރުކައިރީގައެވެ. އިންތިޒާރުކުރީ ޔާސިރުމެން އަންނާނޭ އިރަކަށެވެ. އޭރުވެސް ބޮލަށް ބަރުވެފައި ހުއްޓެވެ. އެހާ ބާރަށް ޖެހުމުން ކަންނޭގެއެވެ. ކޮންމެވެސް ވަރަކަށް ލޭ ހިކިފައި ހުރި ކަމުގެ އިޙްސާސް އަތް ޖައްސާލުމުން ކުރެވެއެވެ.

ރާފިހް ހުރީ ވަރަށް ހުޝިއާރުވެގެންނެވެ.

ސިގިރެޓެއް ބޯލައިގެން ޔާސިރު އެތެރެއަށް ވަންނަން އައީ ވަރަށް ހަމަޖެހިގެން ހުރެއެވެ. އޭރު އޭނާއަށް ކުރިލިބެމުންދާ ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަތްއިރު އޭނާގެ ލޮލުގައި އަޅައިގަތީ ހުސް ގޮނޑިއެވެ. އެއްފަރާތް ބަލާލުމާއެކު ޔާސިރުގެ މޭމަތީގައި ކޮޅުފައިން ޖަހާ ކޮށްޕާލުމަށްފަހު އޭނާ ބޭރަށް ނުކުތެވެ. އޭނާ ހީކުރި ގޮތަށް އެއީ ކޮންމެވެސް ބައެއްގެ އިމާރާތެކެވެ. އެއްފަރާތުގައި އޮތް ލަކުޑި ބުރިއެއްނަގާ ޒުބައިރުގެ ގައިގައި ޖަހާފައި އެތަނުން ނުކުންނަން ރާފިހް ދުއްވައިގަތެވެ. މާކަ އުނދަގުލަކާ ނުލާ ނުކުމެވިއްޖެއެވެ. ދުވަމުން ދުވަމުން ގޮސް އޭނާ މަޑުކުރީ ފުދޭވަރަކަށް ދުރަށް ދެވުނު ފަހުންނެވެ. ގުޅާލަން ފޯނެއް އޮތީކީ ނޫނެވެ، ގަޑިން ވީ އިރެއް އެނގެނީ ކީ ނޫނެވެ.

ގައިގައި ރިއްސަމުން ދިޔައީ އެހާ ވަރަށެވެ. އުނދަގުލުން ނަމަވެސް އޭނާ އިބާ އުޅޭ ގެއާ ހިސާބަށް ދިޔައެވެ. މި ވަގުތަށް އެންމެ ރައްކާތެރިވާނީ އެ ގެކަން އޭނާއަށް ވިސްނުނީއެވެ.

*****

"ނަވީން... އަހަރެމެން ކޮން އިރަކުންތަ މެރީ ކުރާނީ...؟" އިބާ އާއި ނަވީން އާއި ތިބީ ބެލްކަނީގައެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު ޖެހެމުންދާ ފިނި ވައިރޯޅިތައްވެސް ހީވަނީ އެ ދެ ޒުވާނުންގެ އިޝްގީ ވަގުތު ކޮޅު އިތުރަށް ފުރިހަމަ ކޮށްލަން އުޅޭހެންނެވެ. އިބާގެ ގާތަށް ޖެހިލާ އިބާގެ އުނަގަނޑުގައި އަތް އަޅުވާލުމާއެކު ނަވީން ދުރުބަލާލިއެވެ.

"ވީ އެންމެ އަވަހަކަށް... ހުރިހާ ކަމެއް ހަމަޖެހުނުހާ އަވަހަކަށް... އަހަރެން އިބާ އަހަރެންގެ މީހަކަށް ހަދާނަން" ނަވީންގެ ޖުމްލައިން އިބާގެ ތުންފަތުގައި ވި ހިނިތުންވުން ފުޅާވިއެވެ. އޭނާ ގެ އުނަގަނޑުގައި އަޅޫވާލާފައި އޮތް ނަވީންގެ އަތުގައި ހިފާލަމުން ދެލޯ މަރާލިއެވެ. އެ ދެޒުވާނުންގެ އެ ވަގުތު ކޮޅަށް ނިމުމެއް އައީ ކުއްލިއަކަށް ގޭގެ ބެލް ޖަހާލި އަޑަށެވެ.

އަނގަޔަށް ގޮތެއް ހަދާލުމާއެކު އިބާގެ ގައިން ދޫކޮށްލަމުން ނަވީންދޮރާ ދިމާލަށް ހިނގައިގަތުމުން އިބާވެސް ގޭތެރެއަށް ވަނެވެ. އޭރުވެސް އެ ދެޒުވާނުންގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެއްވެސް ކަމަކާ ހާސްވެ ކަންބޮޑުވުމެއް ނެތެވެ.

ސްކްރީނުން ކާކުތޯ ބަލާލި ނަވީންގެ ނިތްކުރިމައްޗަށް ދެތިން ރޫ އަރައިގެން ދިޔަތަން ފެނުނެވެ.

"މިގަޑީގަ ކާކު؟" ގަޑިއަށް ބަލާލަމުން އިބާވެސް ސުވާލުކޮށްލިއެވެ

"ރާފިހް" ނަވީން އިބާއަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު އޭނާ ދޮރު ހުޅުވާލިއެވެ. ގޭތެރެއަށް ވަތް ރާފިހް ހުރި ގޮތް ފެނު ނަވީންއަށް ވެސް ލިބުނީ ސިހުމެކެވެ.

"އޭތް... ރާފިހް... ކިހިނެތްވީ؟ ކާކު ކިހިނެތްހަދާފަ ތި ހުރީ" ނަވީން އަހާލިއެވެ. އޭނާ ރާފިހްގެ އަތުގައި ހިފެއްޓިއެވެ. އެއާއެކު ރާފިހް ކުޑަކޮށް ހަޅޭއްލައިވައިގަތެވެ.

"އެއަތަށް ބަލާލި ނަވީން އަށް އަނެއްކާވެސް ސިހުން ލިބުނެވެ.

"ކިހިނެތްވަފއ މި ހުރީ؟" އޭނާ ސުވާލުކޮށްލިއެވެ. ކުޑަކޮށް ގުދުވެލަމުން ރާފިހް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"ޔާސިރު... ޔާސިރުއަށް.... އަހަންނާ... އަހަންނާ މާހިރާއާއި ގުޅުމެއް އޮތް ކަން އެނގުނީ... އޭނަ އަހަރެން..." ތަންތަނަށް ތަދުވާވަރުން ވާހަކަދެއްކުން ރާފިހް އަށް އުނދަގޫވިއެވެ. އޭނާ ނަވީންއަށް ބަލާލިއެވެ. އެއަށްފަހު ބޮލުގައި އަތް ޖައްސާލިއެވެ. ނަވީން ރާފިހްގެ ބޮލަށް ބަލާލިއެވެ. ކޮންމެވެސް ވަރަކަށް ފަޅައިގެން ގޮސްފައިވެއެވެ. އިބާވެސް ބަލަން ނުހުރެ ފްރިޖުން އައިސް ޕެކެއް ނަގައިގެން ގެނެސް ދިއްކޮށްލިއެވެ. އޭގައި ހިފަމުން ރާފިހް ޝުކުރު އަދާކުރިއެވެ.

"ޔާސިރުތަ މިހެން ހެދީ..." ނަވީންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ ގެ ނޭވާވެސް އެހެން އަހާލިއިރު އަވަސްވިއެވެ.

"އޭނަ އަހަރެން ހައްޔަރުކުރީ... އޭނަ އަށް މާހިރާ ފެނުނީ... އަހަންނަކަށް ނޭނގެ އޭނަ ކިހިނެތްކަމެއް އަހަރެން ހޯދީ... އަދި ނަވީން މަންމައާއި އަހަންނާއި ވެސް ކޮންމެވެސް ގުޅުމެއް ވާކަން ދެނެގަތީ... ހީޒް ސްމާރޓް ނަވީން.... ވެރީ ސްމާރޓް" ރާފިހް ބުނެލިއެވެ. ހަޤީގަތުގައިވެސް އޭނަ ޖެހިލުންވިއެވެ.

"މި ވަގުތަށް އަހަންނަށް ރާފިހް ގެއަށް ދާކަށް ނުފެނޭ... މިތަނުގައި މަޑުކޮށްލަން ފެންނަނީ... އޭނަ ކިހިނެތްހެދީ؟" ނަވީން ވާހަކަދެއްކިއެވެ.

އެތަނުގައި ހިނގާދިޔަ ހުރިހާކަމެއް ރާފިހް ކިޔައިދިނެވެ. އެއާއެކު ނަވީން އިބާއަށް ބަލާލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ކަންތައްތަކުގެ މަތި ޖަހާ ފޮރުވަން ޔާސިރު ކޮށްފަ ނުކުރާނީ ކީއްހެއްޔެވެ؟

"މިހާރު ވަގުތު އައިސް ޖެހިއްޖެ... ޔާސިރުގެ އަތުން އާރާ ބާރު އަތުލަންވީ ވަގުތު ޖެހިއްޖެ... އަހަރެން މަޑަކުން ނުހުންނާނަން... އޭނާގެ ކުށުގެ އަދަބު ދީފައި ނޫނީ ހަމަޖެހުމުގެ ނޭވައެއް ނުލާނަން" ނަވީންގެ އަޑުގައިވަނީ އާދަޔާ ހިލާފް ޖޯޝެކެވެ. އޭނާ ރާފިހްއަށް ބަލާލިއެވެ. ނަވީންގެ ސިކުނޑީގައި ވި އެއްޗެއް ދެނެގަންނަން ނުކުޅެދުނު ރާފިހް ސޯފާގައި އިށީނުމާއެކު އިބާ އަވަސްވީ ޑޮކްޓަރަކަށް ގުޅައިގެން ގެންނާށެވެ.

*****

ޖެހިގެން އައި ދުވަހެވެ. ކުންފުނީގެ ކުރީގެ ލިޔުންތަކެއް ދިރާސާ ކުރުމަށް ސްޓްޑީއާ ދިމާލަށް އަލޫކް މިސްރާބުޖެހީ ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. އެކަންތައް ނިންމާލިއިރު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ނިދި ނާންނާތީ އޭނާ ޓެރެސްއަށް އަރާލީ ފަހަރެއްގައިވެސް ޔާސިރު އެތަނުގައި ހުންނާނޭ ކަމަކަށް ނޫނެވެ. ފޯނާ ކުޅެމުން ސިޑިން އެރި އަލޫކް ގެ ކަންފަތުގައި ޔާސިރުގެ އަޑު ޖެހުނެވެ.

"އޭނަ ވެސް މަރާލަންވީ... ކިހާ ދެރަކަމެއްތަ؟ އަހަރެންގެ ބޯ ގޮވުން ނޫން ކަމެއް ނުވޭ... ހުރިތަނަކުން ހޯދާފަ ހަނދާން ނުނެތޭ ވަރު ކުރަންވީ؟" ޔާސިރުގެ ވާހަކަ ހުރި ގޮތުން އަލޫކް އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެބުނާ މީހަކަށް ނިސްބަތް ކޮށް ޔާސިރު ދެން ބުނެލި ލަފްޒުން އޭނާއަށް ހިންދިރުވާލެވުނެވެ. އެއީ އޭނާގެ އަމިއްލަ ބައްޕަކަމާމެދު ސުވާލުއުފެދުނެވެ. ބޭނުން ކުރަމުންދިޔައީ މުޅިންވެސް ހަޑި ބަސްތަކެވެ. އަޑު އަހަން ހުންނަންވެސް އަލޫކް ލަދުގަނެއްޖެއެވެ. އެހެންނަމަވެސް އެތަނުން ދާކަށްވެސް ބޭނުމެއް ނުވިއެވެ. ސިޑިމަތީގައި ހުރިއިރު އޭނާ އިރު އިރުކޮޅަކާ ދެފަރާތަށް ބޯވެސް ހޫރާލައެވެ. ވާނީވެސް އެހެންތާއެވެ. އަމިއްލަ ބައްޕަގެ ފެންވަރު އޭނާއަށް ދިޔައީ ފެންނަމުންނެވެ.

"މާހިރާ މަރުނުވާކަން އެނގިއްޖެއްޔާ ހުރިހާ ކަމެއް ފަނިވާނެ... އަހަންނަކަށް ނޭނގެ އޭނަ މިހާރު ހުންނާނީ ކޮން ފަދަ ހާލަތެއްގަކަމެއްވެސް... ކިރިޔާވެސް އޭނާގެ ހަނދާނަށް އެކަންތައް އައިސްގެން މީހަކަށް ކިޔައިދީފިއްޔާ އަހަރެމެންވެސް ބެދޭނެ... މިވަގުތަށް އެންމެ މުހިންމީ މާހިރާ ހޯދުން... އަހަރެމެންނަށް އެކަން ކުރެވޭނީ އެ ފިރިހެންމީހާ ހޯދައިގެން... ޒުބައިރު... އަހަންނަށް އެ ޒުވާނާގެ މޫނުން ކޮންމެވެސް ދަންނަ މީހެއް ސިފަވޭ... އެކަމަކު ކާކުކަމެއް ސީދާ ބުނާކަށް ނޭނގޭ" ޔާސިރު ކުއްލިއަކަށް ބުނެލިއެވެ. އޭނާ ސިކުނޑިއަށް ބާރުލިއެވެ.

"މިވާނުވާއެއް ހުދު އަހަންނަކަށް ވެސް ނޭނގެ... މާހިރާ ގެއްލުމާއި، މީހަކު އަހަންނަށް ހަމަލާ ދިނުމާއި އިންޒާރު ދިނުމާއި އަދި މާހިރާ ރާއްޖޭން ފެނުން... އަހަރެމެން އެހާ ރީތިކޮށް މަތި ޖަހާ ފޮރުވާލިކަމެއް އިތުރު މީހަކަށް އެނގޭނެ ގޮތެއް ނޭނގެނީ.... އަދި އެއްވާހަކަ... އަހަންނާއި އެރޭ ދިމާވި ޒުވާނާ ދެއްކީ ހާދީގެ ވާހަކަ... އަހަރެމެން ހާދީއަށް ހެދި ގޮތް އިތުރު މީހަކަށް ނުފެންނާނެ... ދެން ކިހިނެތްބާ؟" ހަމަ ހަޤީގަތުގައިވެސް އެއްކަންތައް އަނެއްކަންތަކާ ގުޅުވާނޭ ގޮތެއް ޔާސިރުއަކަށް ނޭނގުނެވެ. އޭނާ ހުރި ބޮ ގޮވާ ހިސާބަށް ގޮހެވެ. ސިކުނޑި ފަޅައިގެން ދާން އުޅޭހެން ހީވަނީއެވެ. ޒުބައިރު އަކީ މިހާރު އޭނާގެ ހުރިހާ ކަމެއް އެނގޭ އެކުވެރިއާއެވެ.

ޝަކީބުގެ ކަމަކަށް ނުވާނެތަ؟" އެކޮޅުން އަހާލިއެވެ.

"ޝަކީބުގެ އަތެއް ވާނެހެނެއް ހިޔެއްނުވޭ... އެއީ އޭނަ މާހިރާ ނުގެންނާނެ... ގެނެސްގެން އުޅެނިކޮށް ފަޅާ އަރައިފިއްޔާ އޭނަ ވެސް ބެދޭނެ... އަހަންނާއި ދެކޮޅު ވިޔަސް އޭނަ އަމިއްލައަށް ބެދޭވަރުގެ ކަމެއް ނުކުރާނެ... އެ ޔަޤީން ކަން އެބައޮތް" ޔާސިރު ވާހަކަދެއްކިއެވެ.

"ބައްޕަ... މީހަކު މަރާލީ" އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް އަލޫކްއަށް ބުނެވުނެވެ. ދެފައި ކޮޅުން ވާގި ދޫވާހެން ހީވިއެވެ. މިހާ ދުވަހު ނަމޫނާއަކަށް ބެލި ބައްޕަ އެ ދައްކަނީ ކޮންފަދަ ވާހަކަ އެއްހެއްޔެވެ؟ މާހިރާ އަކީ ކާކުހެއްޔެވެ؟

"އެ މާހިރާ ފޮރުވައިގެން ގެންގުޅޭ މީހަކު ބަލަންވީ...." ޔާސިރު ބުނެލިއެވެ.

"މާހިރާ.... މާހިރާ... ކާކަށްބާ ވާނީ؟" އަލޫކް ވިސްނަން ފެށިއެވެ. އޭނާ ބޭނުންވީ މާހިރާ އަކީ ކާކުތޯ ހޯދާށެވެ. އެ ހޯދާ ހޯދުމުން އަނެއްކާވެސް އޭނާ އަށް ލިބޭނީ ކޮންފަދަ ހަބަރެއްކަން ނޭނގި އޭނާ އެ ހަޤީގަތާ ހިސާބަށް ވާސިލް ވުމަށް އަތުކުރި އޮޅާލިއެވެ. ވަރުބަލިކަމާއެކު އަލޫކް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ އެނދުމައްޗައް ވެއްޓިގަތެވެ. ވިސްނަމުން ދިޔައީ ދެން ހަދާނެ ގޮތަކާއި ދޭތެރޭގައެވެ. އޭނާގެ ބައްޕަ މީހަކު މަރާލާފައިވާނަމަ އޭނާ ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. ދާހިތްލާ ފޯވެފައި ހުރުވުމުގެ ސަބަބުން އަލޫކް ބޭނުންވީ ފެންވަރާލައިގެން ނިދަން އޮށޯނާށެވެ. ނަމަވެސް މިރޭ ދެން ނިދޭނެކަމުގެ ޔަގީން ކަމެއް ނެތެވެ.

އިރުގެ ރަންދޯދިން ދުނިޔެއަށް އަލިވާން ފެށިއެވެ. މަގުތައްމަތި ހަލަބޮލި ވާން ފެށިއެވެ. އާދައިގެ މަތިން އަލޫކް އޮފީހަށް ދާން ތައްޔާރުވާން ފެށިއެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރު ފެންނަމުން ދިޔައެވެ. ތައްޔާރުވެ ނިމިގެން އޭނާ މިއަދު ނުކުތީ ތަން ކޮޅެއް އަވަހަށެވެ. ކޮންމެއަކަސް ރޭގެ ހާދިސާއަށްފަހު އޭނާގެ މުޅި ނަފްސުވަނީ ގޮތް ނޭނގޭ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ބައްޕައާމެދު ހިތުގައި ޝަކުވާ އުފެދުނެވެ. ދޮންބެއާއި މި ވާހަކަ ހިއްސާ ކުރަން ބޭނުމެވެ. އެހެންނަމަވެސް.....

ޑްރައިވަރުގެ ދާދި ފަހަތުން ކަހަލަ ގޮތަކަށް ގޮސް ކާރަށް އަރަން އުޅުނު އަލޫކްއަށް ނަވީން ގޮވާލިއެވެ. އޭނާ އެނބުރި ބަލާލިއެވެ. އެއާއެކު ނަވީން ފެނިގެން ކުޑަކޮށް ސިހުނެވެ. ނަވީން ވެސް އަނެއްކާ މިހާ ހެނދުނު އޮފީހަށް މިދަނީ ކީއްވެހެއްޔެވެ؟.

"ލޫކް ހާދަ އަވަހަކަށް؟" ނަވީން އާދައިގެ ގޮތަކަށް ސުވާލުކޮށްލިއެވެ. އެއާއެކު އަލޫކް ހަމަ އެކަނި ހިނިތުންވުމެއް ހަދިޔާ ކޮށްލީއެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ކަމަކާ ފިކުރުކުރަމުންދާކަން ހާމަވަމުން ދިޔައެވެ.

"ކޮން އަންހެން ކުއްޖެއްގެ ހަނދާނުގަ؟" ނަވީން ބޭނުންވީ އަލޫކް ހިންހަމަ ޖައްސާލުމަށެވެ. އެހެންކަމުން އޭނާ ސަމާސާ އެއްކޮށްލީއެވެ. އެހެންނަމަވެސް އަލޫކްގެ މޫނުމަތިން ސީރިއަސްކަން ނޫން އަސަރެއް ނަވީންއަކަށް ނުފެނުނެވެ. ހަމަ ޔަޤީނުންވެސް އެއީ މީގެ ކުރިން އަލޫކްގެ ފަރާތުން އޭނާއަށް ފެނުނު އަމަލެއް ނޫނެވެ. ނަވީން ގާތު ކުޑަ ކަމަކު ދާން ޖެހުނީއޭ ކިޔާ ދޮގެއް ހަދާލުމަށްފަހު އޭނާ ކާރަށް އަރާ އަވަހަށް ދުއްވާލުމަށް ޑްރައިވަރަށް އަމުރު ކުރީ މިވަގުތު އެއްވެސް މީހަކާ ކުރިމަތިލާނޭ ހިތްވަރު ނެތުމުންނެވެ. އަލޫކްގެ ކާރު ގޮސް ގޭޓުން ނުކުންނަންދެން ނަވީން ބަލަން ހުއްޓެވެ. އެއަށްފަހު ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނާ ފުންނޭވާއެއް ލިޔެވެ. އެހެންނަމަވެސް އެއީވެސް ހެދި ބޮޑުވަމުން އަންނަ ޒުވާނެއްކަމުން އަމިއްލަ ކަންތައް ބައެއްފަހަރު އެހެންމީހުންނާ ހިއްސާ ކުރަން ނޭދެނީއޭ ހިތަށް ވިސްނައިދެމުން ނަވީންވެސް ގޮސް ކާރަށް އަރާ ދުއްވާލައިފިއެވެ. އޭރުވެސް އަލޫކްގެ މިޒާޖަށް އައި ކުއްލި ބަދަލު އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ.

(ނުނިމޭ...)

https://sun.mv/126014

comment ކޮމެންޓް