ޖަޕާނުގެ އާ އެމްޕެރާއަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ޖަޕާނުގެ އާ އެމްޕެރަރ ނަރުހީޓޯ ރަސްކަމަށް އިސްކުރުމަށް ބޭއްވި އިހްތިފާލުގެ ތެރެއިން--

މިއަދު ޖަޕާނުގެ ރަސްކަމަށް އިސްވެވަޑައިގެންނެވި އެމްޕެރާ ނަރުހީޓޯއަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، އެމްޕެރާ ނަރުހީޓޯއަށް މަރުހަބާ ވިދާޅުވީ، ތަޚުތަށް އިސްވެވަޑއިގަތުމާ ގުޅިގެން މިއަދު އޮތް ޚާއްސަ ފަރީއްކޮޅުގައެވެ.

ޖަޕާނުގެ އިމްޕީރިއަލް ޕެލެސްގެ ސްޓޭޓް ބެންކެޓް ހޯލްގައި އޮތް މި ފަރީއްކޮޅުގައި ރައީސް ސޯލިހުގެ ދެކަނބަލުންގެ އިތުރުން ދުނިޔޭގެ 170 އަށް ވުރެ ގިނަ ގައުމުން ވަޑައިގެންނެވި 2،000 މަންދޫބުންވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް، ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ، ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ، ދެކުނު ކޮރެއާގެ ބޮޑުވަޒީރު ލީ ނަކްޔޮން، މިޔަންމާގެ ސްޓޭޓް ކައުންސެލާ އާންގް ސަން ސޫކީ، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު، ނޭޕާލްގެ ރައީސާ ބިދްޔާ ދޭވީ ބަންޑަރީ، ޖަރުމަނުގެ ރައީސް ފްރެންކް ވޯލްޓާ ސްޓައިންމަޔާ އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް، ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ، ސްޕެއިންގެ ރަސްގެފާނު ކިންގް ފިލީޕޭގެ ދެކަނބަލުން، ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް އެލެކްޒެންޑާގެ ދެކަނބަލުން، އަދި ޑެންމާކްގެ ވަލީއަހުދު ފްރެޑެރިކްވެސް ހިމެނިވަޑައިގަންނަވައެވެ.

ޖަޕާނުގެ ރަސްކަމުގެ ތަޙުތު ބަދަލުވުމަކީ ވަރަށް މަދުންނޫނީ ނުފެންނަ، ވަރަށް ޚާއްސަ އިހުތިފާލެކެވެ. މީގެ ކުރިން ހުންނެވި އެމްޕެރަރ އަކިހީޓޯ ތަޚްތަށް އިސްކުރެވުނީ 7 ޖެނުއަރީ 1989 ގައެވެ.

އެފަހަރު ބޭއްވި އިހުތިފާލުގައި ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން ޢަބުދުލްގައްޔޫމެވެ.

ޖަޕާނުގެ އާ އެމްޕެރާ ނަރުހީޓޯ ތަހުތަށް އިސްވެވަޑައިގަތީ، އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ އެމްޕެރާ އަކިހީޓޯ ސިއްހީ ހާލަތު ހުރި ގޮތުން ތަޚުތު ދޫކޮށްލެއްވުމަށް ނިންމެވުމުންނެވެ.

comment ކޮމެންޓް