މަހާޖައްރާފު ބޭނުންކޮށްގެން މާ އަގުހެޔޮކޮށް ގުޅިފަޅު ހިއްކޭނެ: މުއިއްޒު

އެމްޓީސީސީގެ ހޮޕާ ސަކްޝަން ޑްރެޖަރު މަހާޖައްރާފު، ށ. ފުނަދޫގެ ބިން ހިއްކުމުގެ މަސައްކަތްކުރުމަށް އެރަށް ކައިރީގައި --- ފޮޓޯ/ ފުނަދޫ ކައުންސިލް

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްޓަކައި، ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏަށް 53 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވާ އިރު، އެ މަސައްކަތް އެމްޓީސީސީއަށް ދިން ނަމަ އެއަށްވުރެ އަގުހެޔޮކޮށް މަސައްކަތް ކުރެވޭނެކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބޮސްކާލިސް ވެސްޓްމިންސްޓާ ލިމިޓެޑަށް ގުޅިފަޅުގައި 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި، ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ހަވާލުކުރީ ޖުމްލަ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ)އަށެވެ. އެއީ 180 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް މި މައުލޫމާތު ޕްލޭނިންގް މިނިސްޓްރީން ހާމަކުރީ މިއަދުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުމްރާނީ މަސައްކަތްތައް ބެލެހެއްޓެވި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރި ނަމަ، އެ ކުންފުނީގައި އޮންނަ ހޮޕާ ސަކްޝަން ޑްރެޖަރު މަހާޖައްރާފު ބޭނުންކޮށްގެން، އެންމެ ގިނަވެގެން 44 މިލިއަން ޑޮލަރަށް ނިންމާލެވުނީސް ކަމަށެވެ.

މަހާޖައްރާފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު، 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެމްޓީސީސީއަށް ގަތް ހޮޕާ ސަކްޝަން ޑްރެޖަރެކެވެ. އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއާޕޯޓު ތަރައްގީކުރަމުންދާ ބައެއް ރަށްރަށާއި އެހެނިހެން ރަށްރަށުގެ ބިން ހިއްކާފައިވެއެވެ.

"މަހާޖައްރާފު ބޭނުންކޮށްގެން އެންމެ ގިނަވެގެން 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމޭނެ އަދި ހަތް މިލިއަން ޑޮލަރަށް ތޮށި ލައި ނިންމޭނެ،" މުއިއްޒު ވިދާޅުވިއެވެ. އެ އަގަކީ ސަރުކާރުން މަޝްރޫއު ހަވާލުކުރި އަގަށްވުރެ ނުވަ މިލިއަން ޑޮލަރު (138.8 މިލިއަން ރުފިޔާ) ހެޔޮ އަގެކެވެ.

އަދި އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލުކުރިނަމަ މަޝްރޫއުގެ ފައިސާވެސް ލިބެނީ ދިވެހިރައްޔިތުންގެ ކުންފުންޏަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޕްލޭނިންގް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެމްޓީސީސީއިން މިހާރުވެސް 30 އަށްވުރެ ގިނަ މަޝްރޫއު ހިންގަމުންދާ ކަމަށާއި، ބޮސްކާލިސްއަށް ހަވާލުކުރީ މަސައްކަތް ހަލުއިކޮށް ހިންގުމަށް ކަމަށެވެ.

"ކެޕޭސިޓީއަށް ބަލާއިތު ވެސްޓްމިނިސްޓާ ގެ ކެޕޭސިޓީ އެބަހުރި ދުވާލަކު 120،000 ކިޔުބިކް މީޓަރުގެ ބިން ހިއްކުމުގެ. ރާއްޖޭގައި އޮތީ 15،000 ކިޔުބިކް މީޓަރުގެ ބިން ދުވާލަކު ހިއްކޭނެ ކެޕޭސިޓީ. އަވަސްކަމާ އިތުބާރާއެކު ނަތީޖާ ދައްކާފައިވާ ބަޔަކާއެކު ކުރިއަށް ދިޔުމަށް ނިންމީ،" މިނިސްޓްރީގެ އޮފިޝަލު ބުންޏެވެ.

ބޮސްކާލިސްއަށް މަޝްރޫއު ހަވާލުކުރީ ބިޑު ނުކޮށް، ފަންނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެންމެ ރަނގަޅު ޓާމްސްގައި މަޝްވަރާކުރުމަށްފަހުއެވެ.

"ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންއަކީ މީގެ ކުރިންވެސް މަޝްރޫއުތައް ހިންގާ ނަތީޖާ ދައްކާފައިވާ ކުންފުންޏެއް. އިތުބާރާ ޔަގީންކަމާއެކު މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އޮތުމުން އެކުންފުންޏަށް މަޝްރޫއު ހަވާލުކުރީ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެކަމަށެވެ. މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް