ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާފަ -- ފޮޓޯ: އޭޕީ

އޮޓަވާ (އޮކްޓޯބަރު 22): ކެނެޑާގެ ފެޑެރަލް އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ އެންމެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ލިބެރަލް ޕާޓީން ކާމިޔާބު ކުރުމުން، ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް ދެވަނަ ދައުރެއް ކަށަވަރުވެއްޖެއެވެ.

މީގެ ކުރިން 2015 ވަނަ އަހަރު 184 ގޮނޑިއާ އެކު ޕާލިމެންޓުގެ މެޖޯރިޓީ ހޯދި ލިބެރަލް ޕާޓީއަށް މިފަހަރު ލިބުނީ 158 ގޮނޑިއެވެ. އެއީ ޕާލިމެންޓުގެ މެޖޯރިޓީ ހޯދަން ބޭނުންވާ ގޮނޑިއަށް ވުރެ 12 ގޮނޑި މަދު އަދަދެކެވެ.

އެހެންކަމުން ލިބެރަލް ޕާޓީން މިދައުރުގައި ވެރިކަން ކުރަން ޖެހޭނީ އެހެން ޕާޓީތަކާ ގުޅިގެންނެވެ. އެސަރުކާރުގައި ބައިވެރި ވާނެ ކަމަށް ބެލެވެނީ ވާތު ފިޔައިގެ ނިއު ޑިމޮކްރެޓިކް ޕާޓީ (އެންޑީޕީ) ނުވަތަ ކެބެކުވާ ޕާޓީ އެވެ. އޭގެ ތެރެއިން އެންޑީޕީއަށް 17 ގޮނޑި ލިބިފައިވާ އިރު ކެބެކުވާ ޕާޓީއަށް 14 ގޮނޑި ލިބިފައިވެ އެވެ.

ކެނެޑާގެ މައި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ވަނީ 121 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ދެހާސް ފަނަރަވަނަ އަހަރު އެޕާޓީއަށް ލިބުނީ 95 ގޮނޑި އެވެ.

ކެނެޑާގެ އިންތިހާބުން ކާމިޔާބީ އިއުލާން ކުރައްވަމުން ޓްރޫޑޯ ވަނީ ސަރުކާރަށް ކިޔާ ފާޑު ކިޔުންތައް އަޑު އައްސަވާ ކަމަށް ވިދާޅުވެފައެވެ. އަދި ލިބަރަލް ޕާޓީއަށް ވޯޓު ދިނަސް ނުދިނަސް، އެ ޕާޓީގެ ސަރުކާރުން މަސައްކަތް ކުރާނީ އެއްވެސް ތަފާތު ކުރުމެއްނެތި ގައުމުގެ ހުރިހާ ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވެފަ އެވެ.

ކެނެޑާގެ ކުރިއެރުމަށް މުހިއްމު ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި 47 އަހަރުގެ ޓްރޫޑޯއަށް ވައުދުތައް ނުފުއްދޭ ކަމަށް ބުނެ، ފަހަކަށް އައިސް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އަދި ރޭސިސްޓު މޭކަޕެއް ކަމަށްވާ "ބްލެކްފޭސް" ޖައްސައިގެން ޓްރޫޑޯ ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުވުމުން ބޮޑުވަޒީރާ މެދު އެތައް ބަޔަކު ނުރުހުން ފާޅު ކުރި އެވެ. ބްލެކްފޭސްއަކީ މޫނު މަތީގައި ކަޅުކުލަ ޖައްސާ، ކަޅު ނަސްލުގެ މީހުންނަށް މަލާމާތްކޮށް ކުޑައިމީސް ކުރުމުގެ ގޮތުން

މީގެ އިތުރުން ކޮރަޕްޝަނާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކުރެވިފައިވާ ކެނެޑާގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މައްސަލަ ބެލުން ހުއްޓުވުމަށް ޓްރޫޑޯ އެގައުމުގެ އެޓާނީ ޖެނެރަލްއަށް ޕްރެޝަރު ކުރެއްވިކަމުގެ ތުހުމަތުތަކެއްވެސް ފެންމަތިވެ، ބޮޑުވަޒީރަށް ތާއިދު ގެއްލުނެވެ.

ނަމަވެސް މިދިޔަ އަހަރު ދުނިޔޭގެ ގިނަ ގައުމުތަކުން ރެފިއުޖީންނަށް ބޯޑަރުތައް ބަންދު ކުރަމުން ދިޔަ އިރު ކެނެޑާއިން އެތައް ހާސް ރެފިއުޖީންނަށް މަރުހަބާ ކިޔުމުންނާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން، ކާބަން ބޭރު ކުރާ ވަސީލަތްތަކުން ޓެކްސްއެއް ނަގަން ޓްރޫޑޯގެ ސަރުކާރުން ނިންމި ނިންމުމަށް ވަނީ ތައުރީފު ލިބިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް