ގުޅިފަޅު ބިން ހިއްކަން ދިނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް

ވިލިމާލެއިން ގުޅިފަޅު ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ބިޑަކާ ނުލާ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑްއާ ހަވާލުކުރީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފިއެވެ.

ބިޑަކާ ނުލާ ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ހަވާލު ކުރުމުން އެކަމާ ފާޑުކިޔަމުން ދަނިކޮށް އެ މިނިސްޓްރީއިން ބުނީ ބިންހިއްކަން ހަވާލުކުރި ކުންފުންޏަކީ މީގެ ކުރިންވެސް ރާއްޖޭގައި އެފަދަ މަޝްރޫއުތައް ހިންގާފައިވާ ގާބިލު ކުންފުންޏެއް ކަމަށެވެ.

ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން 53 މިލިއަން ޑޮލަރަށް ހިއްކުމަށް ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލުކުރި އިރު އެކުންފުންޏަކީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެކެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކަނީ، މާލޭޭ ވިޔަފާރީ ބަނދަރު ގުޅީފަޅަށް ބަދަލުކުރާއިރު އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަމަށެވެ.

އެގޮތުން 2007 އިން 2015 އާ ދެމެދު ރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށުއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން އެކުންފުނިން ވަނީ ހިއްކައިފައެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ ޔުނިޓުން "ސަން"އަށް ބުނީ އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ޓެކްނިކަލީ އެސްކުރަންޖެހޭ ކަންތަކަށް ބެލުމަށްފަހު ކަމަށާއި ފޭވަރަބްލް ޓާމްސްގައި ނެގޮޝިއޭޓު ކުރުމަށްފަހު ކަމަށެވެ.

"ވެސްޓްމިންސްޓާ ކޮންޓްރެކްޓިންއަކީ މީގެ ކުރިންވެސް މަޝްރޫއުތައް ހިންގާ ނަތީޖާ ދައްކާފައިވާ ކުންފުންޏެއް. އިތުބާރާ ޔަގީންކަމާއެކު މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އޮތުމުން އެކުންފުންޏަށް މަޝްރޫއު ހަވާލުކުރީ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ގުޅީފަޅު ބިން ހިއްކަން އެމްޓީސީސީއަށް ހަވާލުނުކުރީ ކީއްވެތޯ ސުވާލު އުފައްދާތީ، އެކަމާގުޅޭގޮތުން ޕްލޭނިންއިން ބުނީ މިހާރުވެސް 30 އަށް ވުރެ ގިނަ މަޝްރޫއު އެމްޓީސީސީއިން ކުރިއަށް ގެންދާ ކަމަށާއި ކުރިއަށް ވެސް ގިނަ ރަށްތަކެއްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް އެވޯޑުކުރެވޭނެ ކަމަށެވެ.

"ކެޕޭސިޓީއަށް ބަލާއިތު ވެސްޓްމިނިސްޓާ ގެ ކެޕޭސިޓީ އެބަހުރި ދުވާލަކު 120،000 ކިޔުބިކް މީޓަރުގެ ބިން ހިއްކުމުގެ. ރާއްޖޭގައި އޮތީ 15،000 ކިޔުބިކް މީޓަރުގެ ބިން ދުވާލަކު ހިއްކޭނެ ކެޕޭސިޓީ. އަވަސްކަމާ އިތުބާރާއެކު ނަތީޖާ ދައްކާފައިވާ ބަޔަކާއެކު ކުރިއަށް ދިޔުމަށް ނިންމީ،" ޕްލޭނިން އިން ބުންޏެވެ.

https://sun.mv/126161

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެކަމަށެވެ. މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ގުޅީފަޅު ބިން ހިއްކަން ނެދަލޭންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސްއާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.

މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެންޗާސްއެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމުގެ ކޮންސަލްޓެންސީ މަސައްކަތް އެވޯޑުކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ 28 ވަނަ ދުވަހުއެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 1,050,362.00 ޑޮލަރެވެ.

ސަރުކާރުގެ ވިސްނުމަކީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލުމެވެ. މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް އަންނަ ފެބްރުއަރީގައި ފަށާނެކަމަށް ރައީސް ސޯލިހުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

"މާލޭގެ ޕޯޓު، ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުން އެއީ މި ސަރަހައްދުގައި ހިންގޭނެ އެންމެ ބޮޑު އެއް މަޝްރޫއު. ހަމަ އެއާއެކު، މާލެއާއި ތިލަފުއްޓާ ދޭތެރެ ކޯޒްވޭއަކުން ގުޅާލުން އެއީ ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތް. މިހާރު ވަނީ އެ މަސައްކަތުގެ ޕްރޮޖެކްޓް ކޮންސަލްޓެންސީއަށް ހުޅުވާލެވި، ޝޯޓްލިސްޓް ކުރެވިފައި. މިކަމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހިއްކުމުގެ މަސައްކަތް ނޮވެމްބަރު މަހު ފަށައި އެތަނުގެ ސްޓްރަކްޗާ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ފެށިގެންދާނެ. މި މަޝްރޫއަށް ގާތްގަނޑަކަށް ދެ އަަހަރު ހޭދަވާނެކަމަށް ލަފާކުރެވޭ،" ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ރައީސް ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖެއް އެޅުމުގެ މަސައްކަތްކުރުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ޕްރޮޕޯޒަލް މިދިޔަ މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

އެޑިޓަރުގެ ނޯޓު: މި ޚަބަރުގައި ކުރިން 16 މިލިއަން ކިއުބިކް މީޓަރޭ ލިޔެވިފައި އޮތީ ޕްލޭނިންގް މިނިސްޓްރީން ހިއްސާކުރި މައުލޫމާތު ކަރުދާހުގައި އޮތް ކުށެއްގެ ސަބަބުންނެވެ. މިނިސްޓްރީން އެ ކުށް އިސްލާހުކޮށް، އެ ކަރުދާސް އަލުން ހިއްސާކުރުމާއެކު މި ޚަބަރުގައި ކުރިން ލިޔެވިފައި އޮތް އަދަދުވެސް މިހާރު ވަނީ އިސްލާހުކުރެވި، 6 މިލިއަން ކިއުބިކް މީޓަރަށް ބަދަލުކުރެވިފައެވެ.

comment ކޮމެންޓް