ފިޔާ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި

ޕިކަޕަކުން ފިޔާ ގޯނި ތަކެއްބާލަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާ އިން ފިޔާ ބަރުކޮށްގެން ރާއްޖެ ދަތުރުކުރަނިކޮށް އަޑިޔަށް ދިޔަ ބޯޓުގައ ިތިބި މީހުން ސަލާމަތްކޮށް އެހެން ބޯޓަކަށް ނަގައިފި އެވެ.

އަޑިއަށް ގޮސްފައިވަނީ އެސްޓީއޯގެ ފިޔާ ބަރުކޮށްގެން ރާއްޖެ ދަތުރުކުރަމުންދިޔަ ބޯޓެކެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއާގެ ޓުޓުކޮރި ބަނދަރުން ފިޔާ ބަރުކޮށްގެން ރާއްޖެ ދަތުރުކުރަނިކޮށް އަޑިއަށް ގޮސްފައިވަނީ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ.

ބޯޓު އަޑިއަށް ދިޔައިރު އޭގައި ނުވަ މީހަކު ތިބި ކަމަށާއި އެ ނުވަމީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފައިވަނީ މާލެއިން ފުރައިގެން ޓުޓިކޮރިން އަށް ދަތުރުކުރި ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު އެ ބޯޓު އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށް ދަތުރުކުރަމުންދާ ކަމަށާއި މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އަޑިއަށް ދިޔަ ބޯޓުގައި ތިބި ނުވަ މީހުންގެ ހާލު ރަނގަޅު ވެސް ރަނގަޅު ކަމަށްް އެމްއެންޑީއެފް އިން ބުންޏެވެ.

ފިޔާ ބަރުކޮށްގެން ދަތުރުކުރި ބޯޓު އަޑިއަށްދިޔައީ ސީދާ ކޮން ސަރަހައްދަކަށް ކަމެއް އަދި ސާފު ނުވާ ކަމަށާއި އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އަޑިއަށް ދިޔަ ބޯޓުގައި 1500 ބަސްތާ ފިޔާ ހުންނާނެ ކަމަށާއި އެ މުދާ ހުންނާނީ އިންޝުއާ ކޮށްފައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފިޔާ ހިފައިގެން އައި ބޯޓު އަޑިއަށް ދިޔަ ނަމަވެސް، ފިޔާގެ އަގު އުފުލިގެން ހިނގައިދޭނެ ކަމަށް އަދި ނުބެލެވޭ ކަމަށެވެ.

މި މަހުގެ ކުރީކޮޅު އިންޑިއާގައި ފިޔާގެ ސަޕްލައި މަދުވެ، ފިޔާގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ވެސް ވަނީ ފިޔާ ލިބުން ދަތިވެފައެވެ. އަދި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑުތަން އުފުލިފަ އެވެ.

އެހެން ނަމަވެސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން، އިންޑިއާއިން ފިޔާ އެތެރެކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާން ފެށުމުން، ފިޔާގެ އަގު ވަނީ ދަށްވެފަ އެވެ.

comment ކޮމެންޓް