އީއައިއޭ ރިޕޯޓުތައް ހަދަނީ ގިނަ ރުއްގަސް ނަގަން ޖެހޭ ގޮތަށް: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން --- ފޮޓޯ/ މަޖިލިސް

ތަފާތު އެކި ތައްރަގީގެ ޕްރޮޖެކްޓު ހިންގުމަށް ކަމަށް ބުނެ ގަވާއިދުތަކުގައި ހުރި ބާގަނޑުތަކުގެ ބޭނުންކޮށްގެން ގިނަ އަދަދަށް ރުއްގަސް ނަގަން ޖެހޭ ގޮތަށް ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބެލުމަށް ތައްޔާރުކުރާ ރިޕޯޓު، އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފަރުމާ ކުރަމުން އަންނަ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި ވަނީ ރިސޯޓުތައް ބިން ހިއްކައިގެންނާއި އެހެނިހެން ގޮތް ގޮތުން ތަރައްގީ ކުރަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅު ރަށްތަކުންނާއި އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްތަކުން ރުއްގަސް ނަގައިގެން ގެންދާތީ އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރުގައެވެ.

މެމްބަރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުން ރުއްގަސް ނަގައިގެން ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކަށް ގެންދާ މައްސަލަ ވަރަށް ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.

އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ ރުއްގަސް މުލުން ލުހެލައިގެން ގެންދިއުން އާންމުވެފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރެވުނު ފަޅުތަކާއި ފަރުތައް ހިއްކައި އެތަން ތަނުގައި އާޓިފިޝަލް ރަށްތައް ހެދުނު ހިސާބުން ފެށިގެން ކަމަށެވެ.

އަދި ދެން ފެނިގެން ދިޔައީ އާޓިފިޝަލް ރަށްތައް ހަދާ ނިމުމުން ދެން ފެނިގެން ދިޔައީ އެކި އަތޮޅުތަކުން ހުއްދައަކާ ނުލައި ރުއްގަސް ކޮނެގެން ނަގައި އުފުލިތަކަށް އަރުވައިގެން ހިއްކި ރަށްތަކުގައި އިންދާ ފެހި ފެހި ކުރަމުން ދިޔަ މަންޒަރު ކަމަށެވެ.

"މިކަމާ ގުޅިގެން ރައްޔިތުން ފާޅު ކުރަމުންދިޔަ ނުރުހުމުގެ ސަބަބުން ދެން ފެނިގެން ގޮސްފައި ވަނީ ހެދިފައި ހުރި ގަވާއިދުތަކުގައި ހުރި ބާގަނޑުތައް ބޭނުންކޮށްގެން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބެލުމަށް ތައްޔާރުކުރާ ރިޕޯޓު (އީއައިއޭ) ތަފާތު އެކި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ރުއްގަސް ނަގަން ޖެހޭ ގޮތަށް ފަރުމާ ކުރަން ފެށިތަން.." ގަރާރުގައި ވެއެވެ.

އެގޮތުން ރަށްރަށުގެ ގަސްބޯ ވަލު ތެރޭގައި މަގު ހެދުމާއި ރަށްރަށުގެ ހޭޅިފަށުގައި ހެދިފައި ހުރި ރުއްގަސް ނަގަންޖެހޭ ގޮތަށް ރިންގް ރޯޑު ހެދުން ފަދަ "ތަރައްގީ"ގެ ނަމުގައި ރަށުގެ ވިލުންވެރިކަމަށް ބުރު އަރާފަދަ މަޝްރޫއުތަކަށް އީއައިއޭ ހަދާ ރުއްގަސް ނެގުމަށް މަސައްކަތް ކޮށް ކާމިޔާބު ކޮށްފައި ހުރި ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

އެގޮތުން މީގެ ދެ ހަފްތާ ކުރިން ރާއްޖޭގެ އުތުރުގެ ތިން ރަށަކުން ގިނަ އަދަދަކަށް ރުއް ގަސް ނަގައިގެން މާލެ އަތޮޅުގައި ތަރައްގީ ކުރަމުން ގެންދާ ހިއްކިބިމުގެ ރިސޯޓުތަކަށް ގެންގޮސްފައިވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލަތަކަކީ:

  • ހއ. ބާރަށުން 600 ރުސް ނަގަން ނިންމައި، ހައެއް އޮކްޓޫބަރާ ހަމައަށް 100 ރުއް ބޭރުކޮށްފައިވުން
  • ހއ. ކެލާ އަދި ފޯކައިދޫއިން ސީދާ އަދަދު ހާމަކޮށްފައި ނުވާ އަދަދަކަށް ރުއް ނަގައި ބޭރުކޮށްފައިވުން
  • ހއ. ކެލާއިން ހުއްދަ ހޯދުމެއް ނެތި ރުއްގަސް ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވުން

އަލީ ހުސައިން ވިދާޅުވީ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި އީޕީއޭއިން މިކަން ހުއްޓުވާފައި ވަނީވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކަމަށެވެ. އަދި ތަރައްގީގެ އެކި ޕްރޮޖެކްޓުތައް ހިންގުން ހުއްޖަތަކަށް ހަދައިގެން ރަށްރަށުން ރުއްގަސް ބޭރު ކުރަމުންދަނީ އެއްވެސް ހައްދެއް، ވިސްނުމެއް ނެތި ކަމަށެވެ.

ގަރާރުގައި ދެން ފާހަގަކޮށްފައި ހުރި ކަންކަން:

  • ލ.މެންދޫ އިން އެރަށުގެ 90 ޕަސެންޓު ރުއްގަސް (1119 އަށް ވިރެ ރުއް ނަގަން ހުއްދަ ދީފައިވޭ) އުފުރައިގެން މާލެ އަތޮޅު އެނބޫދޫ ފަޅުގެ ހިއްކިބިމުގެ ރިސޯޓު ފެހިކުރަން އީޕީއޭ އިން ހުއްދަ ދިނުން
  • ދ. ބަނޑިދޫގެ ހޭޅިފަށުން 2018 ވަނަ އަހަރު 500 އަށް ވުރެ ގިނަ ރުއްގަސް އުފުރުމަށް އީއައިއޭ ހަދައި ހުއްދަ ދިން އިރު، އެރަށުގެ ރައްޔިތުންނަށް އެކަން އަންގާފައި ނުވުން
  • ނ. މަގޫދޫއިން 2018 ވަނަ އަހަރު 500 ރުއް ނަގައިގެން ސޮނެވާ ޖާނީ ރިސޯޓަށް ބޭރުކުރަން ހެދި އީއައިޭގައި ރުއް ނެގުމަށް ދޮގު މައުލޫމާތު ހިމަނާފައިވާކަން ކައުންސިލަށް އެނގި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހުއްޓުވުން
  • އުފުރާ ރުއްގަސް އިންދުމަށް އެންމެ ފުރަތަމަ ހިޔާރު ކުރަން ޖެހެނީ އެރުކެއް އުފުރި ރަށުގައި އިންދުމަށް ކަމަށް އޮތް ނަމަވެސް 2017 ވަނަ އަހަރު ބ. ކުޑަރިކިލުގައި ފުޓުބޯޅަ ދަނޑު ބޮޑުކުރުމުގެ ހުއްޖަތެއް ބޭނުންކޮށްގެން ހެދި އީއައިއޭގައި ނަގާ ރުއް އިންދަން އެރަށުގައި ބިން އޮތް ނަމަވެސް، 125 ރުއް ނެގުމަށް ކަނޑައަޅައި ކ. އޮޅަހަލި ރިސޯޓަށް ގެންގޮސްފައިވުން

އަލީ ހުސައިން ވަނީ ކަނޑައެޅިފައިވާ ހަރުދަނާ ގަވާއިދުތަކުގެ ބޭނުން ނުކޮށް، ރަށްރަށަށް ބޮޑެތި ގެއްލުންވާ ގޮތަށް ރުއްތައް އުފުރައިގެން ގެންދިއުމަކީ ރަށްރަށުގެ ތިމާވެއްޓަށާއި ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް ކަމުގައި ފާހަގަކޮށްފައެވެ.

އަލީ ހުސައިންގެ ގަރާރުގައި ވަނީ މި ސަރުކާރު އައި ފަހުން ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިފައިވާ ރަށްތައް ފެހިކުރުމަށްޓަކައި، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދިތަކުގެ މަގްސަދާ ރޫހާ ހިލާފަށް ރަށްރަށުން ރުއްގަސް ގެންދަމުން ދާކަން ހާމައަށް ފެންނަން އޮތް ކަމަށް ވިދާޅުވެފައެވެ.

އަދި މި އަހަރުގެ މެއި މަހު އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ ބައިވެރިވެ ރުއްގަސް އުފުރުމާ ބެހޭ އާ ގަވާއިދު ހިއްސާކޮށް ބޭއްވި އާންމު ބައްދަލުވުމުން، އެ ގަވާއިދަކީ ރުއްގަސް ހިމާޔަތް ކުރުމުގެ ބަދަލުގައި އުފުރައިގެން ރިސޯޓުތައް ފެހިކުރަން ގެންދިއުން ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ގަވާއިދެއްކަން އެނގިގެން ދިޔަ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ހިއްސާކުރި ހިޔާލުތަކަށް ބިނާކޮށް މި ގަވަޢިދު މިހާތަނަށް އިސްލާހުކޮށްފައި ނުވާކަމަށާއި، ރަށްރަށުގެ ނާޒުކު ތިމާވެއްޓާއި ދެމެހެއްޓެނިވި އާމްދަނީ ލިބޭ ގުދުރަތީ ވަސީލަތްތަކާއި ހުނަރުވެރި މަސައްކަތްތައް ސަލާމަތް ކުރުމަށްޓަކައި ތަރައްގީގެ މަޝްރޫއުއަކަށް ކޮންމެހެން ނަގަންޖެހޭ ރުއްގަސް އިންދަން ޖެހޭނީ އެރަށެއްގައި ނުވަތަ އުފުރާ ސަރަހައްދާ އެންމެ ކައިރިން އޮތް އާންމު ތަނެއްގައި ކަނޑައަޅައި، މިހާރު އޮތް ގަވާއިދު މިހާރުން މިހާރަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

އަދި އިސްލާހު ގެނައުމަށް ގަވާއިދަށް ލިޔުމުން ހޯދިތާ ފަސް ވަރަކަށް މަސް ފުރި، ފޯރަމް ބޭއްވިތާ ހަތަރު މަސް ފާއިތުވެފައި ވާއިރުވެސް، އެކަމަށް ހައްލެއް އައިސްފައި ނުވާކަމަށެވެ.

އެހެންކަމުން ދައުލަތަށް ފައިސާ ހޯދަން ސަރުކާރުން ބޭރު މީހުންގެ ކުރިމަތީގައި "ކްލައިމެޓް އެމަޖެންސީ ބޯޑު" ދައްކަމުން އައި ނަމަވެސް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން މިކަމަށް ދޭންޖެހޭ އިސްކަން ހަރުދަނާ ގޮތެއްގައި ނުދޭކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ރުއްގަސް ނެގުމުގެ ކަންތައް މިހާ ފުޅާކޮށް ހުއްޓުމެއްނެތި ދިމާވާން މެދުވެރިވާ ސަބަބުތައް ހޯދައި ފިޔަވަޅު އެޅުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމަކަށް ވާއިރު، އީއައިއޭ ރިޕޯޓު ތައްޔާރު ކުރުމުގައި ހުރި މައްސަލަތަކާއި ދެކޮޅު ނުޖެހޭ ކަންކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް