ގައުމީ ޓީމުން ވަކިކުރި މައްސަލަ ގަބޫލުކޮށް، ރިޒޭ މާފަށް އެދިއްޖެ

އީގަލްސްގެ ފޯވާޑް ރިޒޭ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އެފްއޭއެމް

ވޯލްޑްކަޕު ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޕްރެކްޓިހަށް ހާޒިރު ނުވުމާއި ލަންކާގައި ކުރި ކޭމްޕަށް އެއްވެސް މަގުބޫލު އުޒުރަކާ އެކު ނުދިޔުމުން ޖޫރިމަނާއަކާ އެކު ގައުމީ ޓީމުން ވަކިކޮށްފައިވާ އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެކަމަށް މައާފަށް އެދިއްޖެ އެވެ.

ފުޓުބޯޅައިން ދުނިޔޭގެ ޝަރަފުވެރި ރެކޯޑަކާއި ވެސް ހަމަކޮށްފައިވާ ރިޒޭގެ އިތުރުން ހަމަ އެ ސަބަބަށްޓަކައި ގައުމީ ޓީމުން ވަކި ކުރީ އޭނާއާ އެކު އީގަލްސްގެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަ އަލީ ފާސިރު (ސެންޓޭ) އެވެ. މި ދެކުޅުންތެރިންގެ މައްސަލަ އެފްްއޭއެމުން ބެލުމަށްފަހު ދެ ކުޅުންތެރިންގެ ޖޫރިމަނާއަށް 50،000 ރުފިޔާ ދެއްކުމަށް ވަނީ އަންގާފަ އެވެ. އަދި އެ ފައިސާ ދެއްކުމުން ނޫނީ އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން އަންގާފައިވާތީ އީގަލްސްއިން ވަނީ އެ ފައިސާ އެފްއޭއެމަށް ދައްކައި ޙަލާސް ކޮށްފަ އެވެ.

އޭގެ ފަހުން ގައުމީ ޓީމުން ދެ މެޗެއް ކުޅުނު އިރު ރިޒޭއާއި ސެންޓޭ ސްކޮޑުގައި ހިމަނާފަ އެއް ނުވެ އެވެ. ނަމަވެސް އެ ދެ ކުޅުންތެރިން އަންނަނީ ގައުމީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރިޒޭ ވަނީ އެންމެ ފަހުން އެ ޓީމު ދަ ގްރާންޑޭއާ ކުޅުނު މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ގައުމީ ޓީމުގައި ދެ ކުޅުންތެރިން ނުހިމެނުނު ނަމަވެސް އެކަމުގެ ސަބަބުން ޓީމުގެ ކުޅުމަށް މާ ބޮޑު އަސަރެއް ނާންނަ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެވެ.

ނަމަވެސް ކުޅުންތެރިންގެ ފުޓުބޯޅައިގައި އަބަދުވެސް ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ބައިނަލް އަގުވާމީ ފެންވަރުގެ މުބާރާތްތަކުގައި ގައުމަށް ރީތި ނަން ހޯދައިދިނުމެވެ. އެހެން ކަމުން ލީގުގައި ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން ގައުމީ ޓީމުގައި ނުހިމެނިއްޖެ ނަމަ އެކުޅުންތެރިންގެ މެންޓާލިޓީއަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރިޒޭ ރޭ ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ނުދާން ނިންމި ނިންމުމާ މެދު ދެރަވާ ކަމަށާއި އެކަމުގެ ސަބަބުން އަދިވެސް މިހުރީ މާޔޫސްވެފައި ކަމަށެވެ.

"އަހަރެންޏަށް ކުރެވުނު ކަންތަކާ މެދު ހިތާމަކުރަން. ކުރިއަށް އޮތްތަނުގައި މި ފަދަ އިތުބާރު ގެއްލޭކަމެއް ތަކުރާރުނުކުރާނަން. މި ކަމަށްޓަކައި ގައުމީ ޓީމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އާންމު އެންމެންގެ ކިބައިން މައާފަށް އެދެން."

ރިޒޭ ބުނީ އޭނާ އުއްމީދުކުރަނީ އޭނާ ކުރި ކުށަށް މާފު ދިނުމަށް ފަހު އަލުން ޓީމަށް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުމުރުން 23 އަހަރުގެ ރިޒޭ އަށް މިދިޔަ އަހަރު ގައުމީ ޓީމުން ފުރުސަތު ދިނީ ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށެވެ. މިދިޔަ ސީޒަނުގައި ރާއްޖޭގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޒޭ ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފަ އެވެ.

ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުންވާކަން ރިޒޭ ބުނެފައިވާއިރު ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 14 ވަނަ ދުވަހު ފިލިޕީންސާ ގައުމީ ޓީމު ބައްދަލުކުރާނެ އެވެ. އޭގެ ފަހުން 19 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ގުއާމްއާ އެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ޕްރެހަކަށް ހާޒިރު ނުވުމުން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ގައުމީ ޓީމުން ވަކިކޮށްފަ އެވެ. އޭނާ އަނބުރާ ޓީމަށް ނެގީ ކޯޗުގެ ކިބައިން އެކަމަށް މާފަށް އެދުމުންނެވެ.

comment ކޮމެންޓް