އެސްޓީއޯގެ ފިޔާ ޝިޕްމެންޓެއް ހިފައިގެން އައި ބޯޓެއް އަޑިއަށް ހިނގައްޖެ

ޕިކަޕެއްގެ މަތީގައި އަރުވާފައި ހުރި ފިޔާ ބަސްތާތަކެއް --

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިޔާ ޝިޕްމަންޓަކާ އެކު ރާއްޖެ ދަތުރުކުރި ބޯޓެއް ފެތިއްޖެ ހިނގައްޖެ އެވެ.

ބޯޓް އަޑިއަށް ގޮސްފައި ވަނީ އިއްޔެ އެވެ. އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ބޯޓުގައި އެސްޓީއޯގެ ފިޔާ ހުރި ކަމަށާއި ނަމަވެސް އަޑިއަށް ދިޔައީ އެސްޓީއޯގެ ބޯޓެއް ނޫން ކަމަށެވެ.

އެ ބޯޓުގައި ހުރީ އެސްޓީއޯގެ 1500 އެއްހާ ބަސްތާގެ ފިޔާ ކަމަށް އެސްޓީއޯގެ ފަރާތުން މައުލޫމާތު ދެއެވެ. އަދި އެސްޓީއޯގެ މުދާ ހުންނާނީ އިންޝުއާ ކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ބޯޓަކީ އެސްޓީއޯގެ ގެ ބޯޓެއް ނޫން. އޭގައި ހުންނާއި އެސްޓީއޯގެ 1500 އެއްހާ ބަސްތާ ފިޔާ. މުދާ ހުންނާނީ އިންޝުއާ ކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ފިޔާ ހިފައިގެން އައި ބޯޓު އަޑިއަށް ދިޔަ ނަމަވެސް، ފިޔާގެ އަގު އުފުލިގެން ހިނގައިދޭނެ ކަމަށް އަދި ނުބެލެވޭ ކަމަށެވެ.

މި މަހުގެ ކުރީކޮޅު އިންޑިއާގައި ފިޔާގެ ސަޕްލައި މަދުވެ، ފިޔާގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ވެސް ވަނީ ފިޔާ ލިބުން ދަތިވެފައެވެ. އަދި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑުތަން އުފުލިފަ އެވެ.

އެހެން ނަމަވެސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން، އިންޑިއާއިން ފިޔާ އެތެރެކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާން ފެށުމުން، ފިޔާގެ އަގު ވަނީ ދަށްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް