ވިޔަފާރި ބަނދަރު ހަދަން ގުޅީފަޅު ހިއްކަން ބޮސްކާލިސްއަށް

ގުޅިފަޅުގައި ބަޔަކު ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ

ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ)ގެ އަގަކަށް ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، 180 ދުވަސްތެރޭ އެ މަޝްރޫއު ނިންމުމަށް އެކުންފުންޏާއެކު ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ އެއްބަސްވުުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރު ޝާނާ ފާރުގު އެވެ. ކުންފުނީގެ ފަރާތުން ސޮއި ކުރެއްވި އެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލު ކުރީ، ހަ މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ އިތުުރުން ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ގާއިމުކުމަށެވެ.

މިނިސްޓްރީން ބުނީ، ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަކީ، މާލޭޭގައި ތޮއްޖެހުމާއި ކާރޫބާރޫއަށް ލުއި ހޯދުމަށްޓަކައި، ވިޔަފާރީގެ ބަނދަރު ގުޅީފަޅަށް ބަދަލު ކުރަން ނިންމާފައިވާތީވެ، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކުމަށް ޖަމަޖެހިފައިވާ މިންވަރު ކަމަށެވެ.

ބިން ހިއްކުމާއި، ކަނޑުފަޅުގައި ގާއިމުކުރާ އެކި ބާވަތުގެ އުމްރާނީ ވަސީލަތް ދުނިޔޭގެ ފެންވަރުގައި ހިންގާ ބޮސްކާލިސް ކުންފުނިން މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. އެގޮތުން 2007 އިން 2015 އާ ދެމެދު ރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށުއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.

އެޑިޓަރުގެ ނޯޓު: މި ޚަބަރުގައި ކުރިން 16 މިލިއަން ކިއުބިކް މީޓަރޭ ލިޔެވިފައި އޮތީ ޕްލޭނިންގް މިނިސްޓްރީން ހިއްސާކުރި މައުލޫމާތު ކަރުދާހުގައި އޮތް ކުށެއްގެ ސަބަބުންނެވެ. މިނިސްޓްރީން އެ ކުށް އިސްލާހުކޮށް، އެ ކަރުދާސް އަލުން ހިއްސާކުރުމާއެކު މި ޚަބަރުގައި ކުރިން ލިޔެވިފައި އޮތް އަދަދުވެސް މިހާރު ވަނީ އިސްލާހުކުރެވި، 6 މިލިއަން ކިއުބިކް މީޓަރަށް ބަދަލުކުރެވިފައެވެ.

comment ކޮމެންޓް