މަރުގެ އިންޒާރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގެ ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެރަރިޒަޓް ޖަމާއަތްތަކުގެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި އާންމުކޮށް ޕްރޮމޯޓް ކުރާ ކަމަށް ބުނެ ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ވަނީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށް ގޮވާލި ކަމުގެ ތުހުމަތުގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.

މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.

އެ މައްސަލައިގައި އެ މީހާ ހައްޔަރު ކުރި އިރު، މިފަހުން ރ. އަނގޮޅިތީމުގައި އެމްޑީއެންގެ އިސްވެރިން މަރަން ގޮވި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައެވެ. އޭގެ އިތުރުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަރުގެ އިންޒާރު ދިން މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި އި ޓެރަރިޒަމްގެ އަމަލުތައް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފައެވެ.

އެ އިސްލާހުގައިވާ ގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުން، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، މުދަލަށް ބޮޑެތި ގެއްލުން ދިނުން، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުން، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން އެއީ ޓެރަރިޒަމްގެ އަމަލުތަކެވެ.

comment ކޮމެންޓް