އިދިކޮޅުން ޖޭޕީއަށް މީހުން ވަނުން ނަހުލާ ދިފާއު ކުރައްވައިފި

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ފިރިކަލުން ގާސިމް އިބްރާޙިމާ އެކު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް އުޅުއްވި މިނިސްޓަރުންނާއި، ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، އެކަން އެ ޕާޓީގެ ކައުންސިލު މެމްބަރު އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ދިފާއު ކުރައްވައިފި އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އެހެން ޕާޓީއަކުން ބަޔަކު ގުޅުމަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހުރި އެހެން ޕާޓީތަކުން އުނދަގޫވެގެން އުޅެން ޖެހޭ ކަމެއް ނޫން ކަަމަށެވެ.

"ޖުމްހޫރީ ޕާޓީއަށް މީހަކު ގުޅުމުން ސަރުކާރު ނުވަތަ ސަރުކާރަށް ނިސްބަތްވާ ޕާޓީއަކަށްވެސް އެހެން ބަޔަކަށްވެސް އެކަމުގެ ސަބަބުން އުނދަގުލެއް ކުރިމަތިވާން ޖެހޭ ކަމެއް ކަމަކަށް. ސަބަބަކީ، ސިޔާސީ ޕާޓީތަކަށް މިނިވަން ކޮންމެ މީހަކު ވަންނަން ދިޔަޔަސް އަޅުގަނޑަށް ހިއެއް ނުވޭ އެއީ މަނާ ކުރެވޭނެ ކަމެއްހެން ނުވައްދައެއް. އެހެން ކޮށްގެންވެސް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މީގެ ކުރިން ކޮންމެ ފިކުރެއްގައި ހުއްޓަސް، ފަހުން އެހެން ފިކުރަކީ ރަނގަޅު ފިކުރެއް ކަމަށް ގަބޫލު ކުރެވިގެން ނުވަތަ އެހެން ޕާޓީއަކާ ގުޅުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ކަމަށް ދެކިގެން އެެހެން ޕާޓީއަކަށް ގުޅުމުން އެ ޕާޓީއަކުން އެ މީހަކަށް މަރުހަބާ ނުކިޔަންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ކުރީގެ މަޖިލިސް މެމްބަރުނާއި، ޔާމީން ސަރުކާރުގެ މިނިސްޓަރުން ޖުމްހޫރީ ޕާޓީއާއި ގުޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯލިޝަނުގައި ސަރުކާރު ދެމެހެއްޓުމަށްޓަކައި އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފަހި ގޮތްތަކެއް ގެނައުމަށްޓަކައި ކުރާ މަސައްކަތުގައި އަަލަށް ގުޅޭ މެމްބަރުން އެއްބާރުލުން ދޭނެ ކަމަށާއި އަދި ދޭން ޖެހޭނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޖުމްހޫރީ ޕާޓީ ނޫން އެހެން ޕާޓީއަކުން ނަހުލާ ފެނިދާނެތޯ އެހުމުން އޭނާ ވިދާޅުވީ، "އެހެން ޕާޓީއަކުން ނުފެންނަންވީ ސަބަބެއް" ނެތް ކަމަށެވެ. އެކަމަކު، "ޖޭޕީއިން ވަކިވާންވީ ސަބަބެއްވެސް ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި، އޭރުގެ މަޖިލިސް މެމްބަރުންތަކެއްވެސް މި ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ޖޭޕީއަށް މި ފަހުން ގުޅުނު މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އެ ސަރުކާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ހިމެނެ އެވެ. ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންގެ ތެރެއިން، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހުއާއި،ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދުވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.

އެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތުމުން، ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ގެންދަނީ ޖޭޕީއަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް