އެމްޑީއެން ރިޕޯޓުގެ ވާހަކަ ދައްކަނީ ހަނގުރާމައަށް ދާ މީހުން، ފޯކަސް ގެއްލުވާލަން: ނަޝީދު

ރައީސް ނަޝީދު: އެމަނިކުފާނު ވިދާޅުވީ އެމްޑީއެން ރިޕޯޓްގެ ވާހަކަ ދައްކަނީ ފޯކަސް ގެއްލުވާލަން ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓް ހުރިހާ ފަރާތްތަކުން ވެސް ކުށްވެރިކޮށް ކަމާ ގުޅޭ އިދާރާތަކުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެ ރިޕޯޓްއާ ގުޅިގެން ހަމަ ނުޖެހުން ހިންގުމަށް މަސައްކަތް ކުރަނީ ރާއްޖެ އިން ހަނގުރާމަށްދާ މީހުންގެ 'ފޯކަސް' ގެއްލުވާލަން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ހެނދުނުގެ ސަޔަށް މެދު ކަނޑާލުމަށްފަހު އަލުން ފައްޓަވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މީހުން މަރައި ލޭ ހުއްދަ ކުރުމަށް ގޮވަމުން ދަނީ އެ ފަރާތްތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

"ރާއްޖެއަށް މި ވަގުތަށް ދިމާވެފައިވާ ހައްސާސް މައްސަލަ އެއީ އެހެން ގައުމުތަކަށް ހަނގުރާމައަށް މީހުން ފޮނުވާ އެކަން ހިންގާ ފަރާތްތަކުން އެ ފަރާތްތަކުގެ ތަހުގީގްތަކަށް ސަރުކާރުން ކުރަން ފެށުމުން އެ ތަހުގީގުތަކަށް ހިޔަނި އެޅުމަށް އެކަން ކަމަށް ހުރަސް ގެނައުމަށް ހަމަ މި ދެންނެވި ސީރިއާއަށް މީހުން ފޮނުވާ މީހުން މި އެހެން ރިޕޯޓެއްގެ (އެމްޑީއެންގެ ރިޕޯޓް) ވާހަކަ ދައްކަވައި އެ ވާހަކަ އަޅުގަނޑުމެންގެ ތެރެއަށް ފެންމަތިކޮށް މި ރާއްޖޭގައި ހަމަ ނުޖެހުން އުފައްދަމުން މިދަނީ،" ނަޝީދު ވިދާޅުވި އެވެ.

ޓެރެރިސްޓް ހަރަކާތްތައް ރާއްޖޭގެ ފަސްގަނޑުގައި ތިބެގެން ހިންގާ ރާވާ މީހުންގެ ސާފު މައުލޫމާތު ފުލުހުންނަށް ލިބުނު ނަމަވެސް އެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ނުކުޅެދިފައިވާ ކަން ފާހަގަކޮށް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ސަރުކާރުން އެދިވަޑައިގަތީތީވެ މި މަޖިލީހުން ޗުއްޓީއަށް ނުގޮސް ހޭލާ ތިބެ ތި އިއްޒަތްތެރި މެންބަރުން ވަނީ ބޭނުންވާ ގާނޫނުތަކަށް ބޭނުންވާ އިސްލާހު ގެނައިފަ. އެހެން ނަމަވެސް އަޅުގަނޑުމެނަށް ފެންނަމުން މިދަނީ މީގެން އެއްވެސް ކަމަކާ ފިޔަވަޅެއް ނޭޅޭތަން. އެއީ ގާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް