ޒަކާތު ފަންޑުން ބޭސްފަރުވާއަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ޒަކާތު ފަންޑުން އެކިކަހަލަ ބަލިތަކަށް ބޭސްފަރުވާ ކުރުމަށް 10.65 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޒަކާތުފަންޑުން ބޭސްފަރުވާއަށް އެހީ ހޯދުމަށް 944 މީހުން ވަނީ ހުށަހަޅައިފަ އެވެ. މީގެތެރެއިން 865 މީހުންނަށް އެހީ ހަމަޖެހިފައިވާކަމަށްވެސް އެ ތަފާސް ހިސާބުތައް ދައްކަ އެވެެ.

އެންމެ ގިނަ އަދަދެއްގެ މީހުން އެހީ ހޯދަން އެދިފައިވަނީ ކެންސަރަށް ފަރުވާ ހޯދުމަށެވެ. ދެން އެންމެ ގިނަ ބަޔަކު ޒަކާތު ފަންޑުން އެހީ ހޯދަން އެދިފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. ތިންވަނައަށް އެންމެ ގިނަ ބަޔަކު އެހީ ހޯދަން އެދިފައިވަނީ ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ.

ޒަކާތުފަންޑުން ބޭސްފަރުވާއަށް އެހީދެނީ ފުދުންތެރިކަން ނުހުންނަ މީހުންނަށެވެ. ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދެނީ ރާއްޖެއިން ބޭރުގައި އެޑްމިޓު ނުވެ ބޭސްފަރުވާ ކުރުމަށް އެދޭ، އާސަންދައިން އެހީނުލިބޭ ނުވަތަ އާސަންދައިން ލިބޭ އެހީއިން ނުފުދޭ ބަލިމީހުންނަށެވެ.

މީގެ އިތުރުން ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭރަށްދާ މީހުންނަށާއި ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ރަށްރަށުން މާލެއަށް އަންނަ މީހުންނަށާއި ބަލިމީހާ އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން މާލެ ގެންނަ ބަލިމީހުންނަށެވެ.

ޒަކާތު ފަންޑުން އެހީދީގެން މީގެ ކުރިން ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުސަތުވެސް ވަނީ ދީފަ އެވެ. ޒަކާތު ފަންޑުން މަތީތައުލީމަށް ވެސް އެހީދޭއިރު މިއީ އިސްލާމިކް މިނިސްޓްރީ އިން ބަލަހައްޓާ ފަންޑެކެވެ.

comment ކޮމެންޓް