ޓްރާންސްޕޯޓް އޮތޯރިޓީގައި ކޮރަޕްޝަން އޮތްކަމަށް މިނިސްޓަރުގެ އިއުތިރާފް!

ޓުރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު އޮތޯރިޓީގައި ކޮރަޕްޝަންގެ މައްސަލަތައް އެބަ ހުރި ކަމަށާއި އެކަންތައްތައް ބަލަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގައި ކޮރަޕްޝަން އަށަގެންފައިވުމާ ބެހޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ، އެފަދަ މައްސަލަތައް އެ އޮތޯރިޓީގައި ހުރި ކަމަށާއި، އާންމުން ތުހުމަތުގެ އިނގިލިތައް ދިއްކުރަނީ އެކަމުގައި ހަގީގަތެއް އޮތުމުން ކަމަށެވެ.

"އަޅުގަނޑު މަގާމާ ހަވާލުވި ފަހުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން އެބަ ބަލަން މިމައްސަލަތައް ހައްލު ކުރެވޭނީ ކިހިނެއްތޯ. ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަމުން މި އަންނަނީ،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީއިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކަކީ ކުރީންސުރެ ފެށިގެން ކުރިއަށްދާ ކަންތައްތައް ކަމުން، އެކަންތައްތައް ހުއްޓުވަން ދަތިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އެއީ ކުރިންސުރެ ފެށިގެން ހިނގަމުންދާ ކަންތަތަކެއް ކަަށްވާތީ ކަންތައްތައް ރަނގަޅު ކުރާ އިރު ދަތިތަކެއްވެސް އެބަ އާދޭ،" ނަހުލާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އޭނާއަށް ބަޔަކު ފައިސާ ދީގެން ކަމެއް ކުރަން އެދުނަސް އެކަމެއް ނުކުރާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއަށް ވުރެ އޭނާއަށް އޭނާގެ ނަފްސު މާ އަގުބޮޑެވެ.

އެއް ގަރާޖެއްގައި ގިނަ އަދަދެއްގެ އުޅަނދުތައް ރަޖިސްޓްރީ ކުރުން މަގުފަހި ކުރުމަކީ ޓްރާންސްޕޯޓު އޮތޯރިޓީއަށް ކުރެވޭ ތުހުމަތެކެވެ. އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

އެއް ގަރާޖެއްގައި ގިނަ ވެހިކަލް ރަޖިސްޓްރީ ކުރާ މައްސަލައަކީ ޓްރާންސްޕޯޓު އޮތޯރިޓީ ހިމެނޭ ގޮތަށް ވަރަށް ބައިވަރު މީހުން ގުޅިގެން ހިންގާ ކަމެއް ކަމަށް ނަހުލާ ވިދާޅުވި އެވެ. އެހެންކަމުން، ހަމައެކަނި އެކަން ކުރާ އާންމު މީހާއަށް އަދަބު ދިނުމުގެ ބަދަލުގައި މުޅި މައްސަލައަށް ހައްލެއް ހޯއްދަވަން ބޭނުންފުޅުވާ މޭރުމަކުން އޭނާ ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށެެވެ.

comment ކޮމެންޓް