މީރާގެ ބޯޑަށް އައްޔަންކުރަން ރައީސް ފޮނުއްވި ދެ ނަން ކޮމިޓީއަށް ފޮނުވައިފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވައިފި އެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަކީ؛

1. އަލްއުސްތާޒް މަޚްޒޫމް ސަލީމް، ޝަބްނަމްގެ ކ. ކާށިދޫ

2. އިސްމާއިލް ސާޖިދު، މއ. ވިލާރޮދި

މި ދެ ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އިސްކަން ދެއްވާފައި ވަނީ މަޚްޒޫމް އަށެވެ. އޭނާ އަކީ ގާނޫނީ ވަކީލެކެވެ.

އިސްމާއިލް ސާޖިދަކީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވެސް ރައީސް މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މި ދެ ބޭފުޅުންގެ ނަން ރައީސް ފޮނުވާފައި ވާއިރު، ކޮމިޝަނާ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ފެންނަ ފަރާތްތަކުގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް ފޮނުއްވާފައި ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަމެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ ފޮނުއްވައިފަ އެވެ. އެ ބޭފުޅުންނަކީ:

  • މުހައްމަދު ސިރާޖު މުނީރު / ދަނޑިމަގު، ނިއުލައިޓް، ޏ. ފުވައްމުލައް
  • އަސްމާ ޝަފީއު / ވައިޖެހޭގެ، ހއ. އިހަވަންދޫ
  • އިސްމާއިލް ސާޖިދު / މއ. ވިލާރޮދި
  • އަހްމަދު ޝަރީފް / އަނބުގަސްދޮށުގެ، ނ. މަނަދޫ
  • އަހްމަދު ވާފިރު / ވ. އެލަމް
  • ހަމްދީ އަގީލް / ހ. ރަންގަލި 4

މި ބޭފުޅުންގެ ނަންތައް ދިރާސާކުރަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައި ވާއިރު، އެ ފަރާތްތަކާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ބަދަލު ގެނައުމަށް ދާދި ފަހުން ވަނީ ފާސްކޮށްފަ އެވެ.

މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށް ކަމަށް އިސްލާހުގައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީގެކުރީން އެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި މަޖިލީހުގެ ރުހުމާއެކު ރައީސް އައްޔަނުކުރައްވާ ފަސް ބޭފުޅެކެވެ.

comment ކޮމެންޓް