ޖަޕާނުގެ އާ އެމްޕެރާ ތަހުތަށް އިސްވެވަޑައިގެންފި

ޖަޕާނުގެ އާ އެމްޕެރާ ނަރުހިޓޯ ވަނީ މިއަދު ރަސްމީކޮށް ތަހުތަށް އިސްވެވަޑައިގެންފަ -- ފޮޓޯ: ރޮއިޓާސް

ޓޯކިޔޯ (އޮކްޓޯބަރު 22): ޖަޕާނުގެ އާ އެމްޕެރާ ނަރުހިޓޯ މިއަދު ރަސްމީކޮށް ތަހުތަށް އިސްވެވަޑައިގެންފި އެވެ.

ކިޔޯޓޯ އިމްޕީރިއަލް ޕެލެސްގައި ބޭއްވި ހަފްލާއެއްގައި ޖަޕާނުގެ 126 ވަނަ އެމްޕެރާގެ ގޮތުގައި ތަހުތަށް އިސްވެވަޑައިގަންނަވަމުން ނަރުހިޓޯ ވަނީ "ގައުމުގެ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރައްވާ، ގައުމުގެ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާ ކުރައްވާނެ" ކަމަށް ވިދާޅުވެފަ އެވެ.

އެހަފްލާގައި ނަރުހިޓޯގެ އަނބިކަނބަލުން ވަނީ ރަސްމީކޮށް އެމްޕްރެސް މަސާކޯއަށްވެ ވަޑައިގެންފަ އެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެހަފްލާގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވެސް ތަގުރީރު ކުރައްވާ، އެގައުމަށް ސުލްހަވެރި އަދި ފާގަތި މުސްތަގުބަލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެމުނާސަބަތު ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަނީ ޖަޕާނަށް ވަޑައިގެންފަ އެވެ.

ޖަޕާނުގެ އާ އެމްޕެރާ ނަރުހިޓޯ އާއި އެމްޕްރެސް މަސާކޯ -- ފޮޓޯ: ކިޔޯޑޯ

ޖަޕާނުގެ އެމްޕެރާ ކަމަށް ނަރުހިޓޯ މިދިޔަ މެއި މަހު އިސްވެ ވަޑައިގެންނެވީ ބައްޕާފުޅު އަދި ކުރީގެ އެމްޕެރާ އަކިހިޓޯ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެމްޕެރާ އަކިހިޓޯ އަކީ ފާއިތުވި 202 އަހަރު ތެރޭ އަމިއްލަފުޅަށް ތަހުތުން ފައިބަވަޑައިގެންނެވި ޖަޕާނުގެ ފުރަތަމަ އެމްޕެރާ އެވެ. މީގެ ކުރިން އެގައުމުގެ ގާނޫނުތަކުގައި އޮންނަ ގޮތުން އެމްޕެރާގެ މަގާމަކީ އުމުރު ދުވަހަށް އަދާ ކުރަން ޖެހޭ ޒިންމާއެކެވެ.

ނަމަވެސް އުމުރުފުޅުން 85 އަހަރުގެ އަކިހިޓޯ ވަނީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔާތުތައް މުސްތަގުބަލުގައި އަދާ ނުކުރެއްވިދާނެ ކަމުގެ ކަންބޮޑުވުން 2016 ވަނަ އަހަރު ފާޅުކުރައްވާފަ އެވެ. އޭގެ ސަބަބުން ޖެހިގެން އައި އަހަރު އެގައުމުން ވަނީ އެމްޕެރާއަށް އިސްތިއުފާ ދެއްވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ.

އުމުރުފުޅުން 59 އަހަރުގެ ނަރުހިޓޯ ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ތައުލީމު ހާސިލު ކުރައްވާފަ އެވެ. އަދި އެމްޕްރެސް މަސާކޯ އޮވަޑާއާ ކައިވެނި ބައްލަވައިގެންނެވީ 1993 ވަނަ އަހަރެވެ. ދެހާސްއެއްވަނަ އަހަރު އެދެބޭފުޅުންނަށް ވަނީ ދަރިކަނބަލަކު ލިބިވަޑައިގެންފަ އެވެ.

ޖަޕާނުގެ ގާނޫނުއަސާސީގައިވާ ގޮތުން އަންހެން ބޭފުޅަކަށް ތަހުތު ވާރުތައެއް ނުވާނެ އެވެ. އެހެންކަމުން ދެން ވަލީއަހުދަށް ވެވަޑައިގަންނަވާނީ ނަރުހިޓޯގެ ކޮއްކޯފުޅު ޕްރިންސް ފުމިހިޓޯ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް