ޑާކާ (އޮކްޓޯބަރު 22): ބަންގުލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ތަމަންނާ ނުސްރަތު، އޭނާގެ ޔުނިވާސިޓީ އިމްތިހާނުތައް ހަދަން އޭނާއާ ވައްތަރު އަށް މީހަކު ފޮނުވި މައްސަލައެއް ފެންމަތިވެ، އެޔުނިވާސިޓީން އޭނާ ވަކިކޮށްފި އެވެ.
ބަންގުލަދޭޝްގެ ވެރިކަން ކުރާ އަވާމީ ލީގު ޕާޓީއަށް ނިސްބަތްވާ ނުސްރަތުގެ މައްޗަށް ވަނީ ޔުނިވާސިޓީގެ 13 ޓެސްޓަކަށް، އޭނާއާ ވައްތަރު އަށް މީހަކު ފޮނުވި ކަމަށް ތުހުމަތުކޮށްފަ އެވެ.
އެމައްސަލަ ފެންމަތިވީ ޕްރައިވެޓް ބްރޯޑްކާސްޓަރެއް ކަމަށްވާ ނަގޮރިކް ޓީވީން، ނުސްރަތުގެ ޔުނިވާސިޓީގައި އިމްތިހާނެއް ކުރިއަށް ދަނިކޮށް އެތަނަށް ގޮސް، ނުސްރަތު ކަމަށް ހެދިގެން ހުރި އަންހެނަކާ ވާހަކަ ދެއްކުމުންނެވެ. އަދި އެ ހާދިސާގެ ވީޑިއޯއަށް ސޯޝަލް މީޑިއާއިން ބޮޑު ސަމާލުކަމެއް ލިބުމުންނެވެ.
މިދިޔަ އަހަރު ޕާލިމެންޓަށް އިންތިހާބުވި ނުސްރަތު ކްލާސްތައް ނަންގަވަމުން ގެންދެވީ ބަންގުލަދޭޝް އޯޕެން ޔުނިވާސިޓީ (ބީއޯޔޫ)ގައި ބެޗްލާ އޮފް އާޓްސް ޑިގްރީއަކަށެވެ.
ބީއޯޔޫގެ ވައިސް ޗާންސެލަރު ޕްރޮފެސަރު އެމްއޭ މަންނާން ވިދާޅުވި ގޮތުގައި މެމްބަރު ނުސްރަތު ޔުނިވާސިޓީން ވަކިކުރީ ކުށެއް ކުރުމުންނެވެ. އަދި ދެން އޭނާއަށް އެޔުނިވާސިޓީން ކިޔެވުމުގެ ފުރުސަތެއް ނުދޭނެ އެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ކޮލެޖުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މެމްބަރު ނުސްރަތުގެ ބަދަލުގައި އަންނަ މީހަކު އިމްތިހާނު ހަދާ އިރު އޭނާގެ ގާޑުން ވަށައިގެން ތިބެ އެވެ. އަދި އެއީ އެހެން މީހެއްކަން ޔުނިވާސިޓީގެ އެންމެންނަށް އެނގުނު ނަމަވެސް، އެ މެމްބަރަކީ ވަރަށް ނުފޫޒު ގަދަ އާއިލާއެއްގެ މެމްބަރެއް ކަމުން އެއްވެސް މީހަކު މީގެ ކުރިން އެވާހަކަ ނުދައްކަ އެވެ.
އެހާދިސާއާ ގުޅިގެން މެމްބަރު ނުސްރަތު ވަކި އެއްޗެކޭ ވިދާޅުވެފައެއް ނުވެ އެވެ.