މަހާޒާއި ދިޔާނާގެ މައްސަލާގައި ކޮމިޓީން ފޮނުވި ރިޕޯޓު އަނބުރާ ފޮނުވާލައިފި

(ކ-ވ) ފާތިމަތު ދިޔާނާ ސައީދު އަދި މަހާޒް އަލީ ޒާހިރު

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަނު ކޮށްދިނުމަށް ރައީސް، އިބްރާހިމް މުހައްމަދު ސޯލުހި މަޖިލީހަށް ފޮނުއްވާފައިވާ، ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން، ދިރާސާކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފޮނުވި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ކޮމިޓީން އެ ރިޕޯޓު މަޖިލީހަށް ފޮނުވާފައި ވީނަމަވެސް، ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި ބުނެފައި ނުވާ ކަމަށެވެ.

"މި ރިޕޯޓުގައި އަޅުގަނޑަށް ފެންނަ ގޮތުގައި ގޮތެއް ނިންމަވާފައެއް ނުވެ. ވިދާޅުވެފައި އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަސައްކަތްތަށް ރަނގަޅަށް ކުރައްވާފައޭ އޮތީ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި ފާހަގަކޮށްދިނުމަށް އެދި އަލުން އެ ރިޕޯޓު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

"އަޅުގަނޑު މި ދެކެނީ މި ރިޕޯޓު އަދި މަޖިލީހަށް ނުގެނެސް ކޮމިޓީން އެ ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތެއް ރިޕޯޓުގައި ފާހަގަކޮށްދެއްވުން އެދި އަޅުގަނޑު އަލުން މި ގަސްތު ކުރަނީ އަލުން އަނބުރާ ކޮމިޓީގައި މި މަސައްކަތް އިތުރަށް ކުރިއަށް ގެންގޮސްދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް "ހައިލީ ރިކޮމެޑް" ކޮށްފައި ވަނީ ދިޔާނާ އާއި މަހާޒް ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ ޖޭއެސްސީ އިން އިންޓަވިއު ކުރި ބޭފުޅުންގެ ނަންތަކަށް ވެސް މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ މަޖިލީހުން ރުހުން ހޯދުމަށް ފަހު އެވެ.

comment ކޮމެންޓް