ނިލަންދޫ ބަލިކޮށް މާޒިޔާ އަނެއްކާ ވެސް އެއްވަނާގައި ހަމަޖެހިލައިފި

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ މާޒިޔާއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި އިއްޔެ ނިލަންދޫ ބަލިކޮށް މާޒިޔާއިން އަނެއްކާ ވެސް އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައި ހަމަޖެހިލައިފި އެވެ.

ލީގުގެ 11 ވަނަ މެޗު ޑޭގެ ކުޅުން މި ހަފްތާގައި ކުރިއަށް ދިޔަ އިރު އިއްޔެ ހަވީރު މާޒިޔާ އިން ނިލަންދޫގެ މައްޗަށް ކުރި ހޯދީ 0-5ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި މާޒިޔާއިން ނިލަންދޫ ކޮޅަށް 13 ގޯލު ޖެހި ނަމަވެސް ނިލަންދޫން އޭގެ ފަހުން ވަނީ ބިދޭސީ ބައެއް ކުޅުންތެރިން ގެނެސް ޓީމުގެ ކުޅުން ރަނގަޅުކޮށްފަ އެވެ.

އިއްޔެގެ މެޗުން ލިބުނު މޮޅާ އެކު މާޒިޔާ ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ 26 ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް އީގަލްސްއަށް 21 ޕޮއިންޓް ލިބޭ އިރު ތިންވަނާގައި އޮތް ގްރީންސްޓްރީޓަށް ލިބިފައި ވަނީ 17 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ނިލަންދޫ ފުލުން ދެވަނާގައި އޮތީ ހަތް ޕޮއިންޓާ އެކު 23 ގޯލު ގެއްލުމުގަ އެވެ.

މާޒިޔާ އިން އިއްޔެގެ މެޗަށް ނުކުތް އިރު އެ ޓީމަށް އޮތީ ޕްރެޝަރެއް ކުރިމަތިވެފަ އެވެ. އެއީ އޭގެ ކުރިން މެޗުން އީގަލްސް އަތުން ބަލިވެފައި ވުމުންނެވެ. އެހެން ކަމުން ރޭގެ މެޗުން މޮޅުވުމަކީ އެ ޓީމުގެ ކޮންފިޑެންސް އަނބުރާ ހޯދުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ މީގެ ކުރިން ބުނެފަ އެވެ. މާޒިޔާ މި ސީޒަނުގައި ހަމައެކަނި ބައްޔަކާ ކުރިމަތިލާން ޖެހުނީ އީގަލްސްއާ ދެކޮޅަށް މި ހަފްތާ ކުޅުނު މެޗުގައި އެކަންޏެވެ.

އިއްޔެގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެމުން ދިޔައީ މާޒިޔާއިންނެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނަޓުގައި މާޒިޔާގެ ވިންގަކަށް ކުޅެމުން އަންނަ ހަސަން ޝިފާޒް (ޑުންގާ) ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން ވެސް މާޒިޔާއިން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ބޯޅަތައް ދިފާއު ކުރުމުގައި ނިލަންދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނަމަވެސް މާޒިޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ހާފުގެ 43 ވަނަ މިނަޓުގައި އެ ގޯލު މާޒިޔާއަށް ޖަހައިދިނީ ކޮނޭލިއަސް އެވެ. އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެފައި ނުވަނީ އޭގެ ކުރީ ދުވަހު އޭނާ ބައިނަލް އަގުވާމީ މެޗެއް ކުޅުމަށް އޭނާ ގައުމަށް ގޮސްފައި ހުރުމުންނެވެ.

ދެވަނަ ހާފު ފެށިގެން ވެސް މާޒިޔާއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ލިބޭ މަދު ފުރުސަތުތަކުގައި ނިލަންދޫގެ ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމާޓޯ ދިޔައީ މާޒިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އޭނާއަށް ވަނީ ދެ ކާޑު ހަމަވެގެން ދަނޑުން ފޮނުވާލައިފަ އެވެ. މާޒިޔާގެ ފަހު ތިން ގޯލު ޖެހީ އަސަދުﷲ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ފޭދޫ އިއްބެ އެވެ.

comment ކޮމެންޓް