މަރުވެފައި އޮތް މީހަކު ފެނިއްޖެ، އާއިލާއާ ގުޅިއްޖެ

އޭޑީކޭ ހޮސްޕިޓަލް

މިއަދު ހެނދުނު އާޓިފިޝަލް ބީޗުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައި އޮތް ދުވަސްވީ މީހާގެ އާއިލާއާ މިހާރު ގުޅިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ހޮސްޕިޓަލަކުން ނުދެ އެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލު ދެރެވެފައި އިން ކަމުގެ މައުލޫމާތު ހެނދުނު 06:26 ހާއިރު ލިބުމާ އެކު އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އުމުރުން 50 އާއި 60 އަހަރާ ދެމެދުގެ ފިރިހެނެއް ކަމަށެވެ.

އާޓިފިޝަލް ބީޗުން ނަގައިގެން އެމީހާ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމަށް ގެންދިޔަ އިރު ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެތް ފެންނަތް ނެތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އަދި އެމީހާ ސަލާމަތް ކުރަން ޑޮކްޓަރުން ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާ ކަމަށް ހޮސްޕިޓަލުން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އަދި އޭނާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.

ހުދު ތުނބުޅި އަކާއި މަތިމަހެއް ލާފައި ހުރި އެމީހާ ލައިގެން އޮތީ ނޫކުލައިގެ ސޯޓެކެވެ.

ފުލުހުން ބުނީ އެއްވެސް ފަރާތަކުން ދޮށީ އުމުރުގެ ފިރިހެނެއްގެ ހަބަރެއް ނުވެގެން ނުވަތަ ވީތަނެއް ނޭނގިގެން އުޅޭ ނަމަ 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް