މީޑިއާތަކުން ބުރޮޑްކޮމް ބޭނުމެއް ނޫން، ބޭނުމީ އެމްއެމްސީ މޮޑެލް

އޮކްޓޫބަރ 21، 2019: މިނިވަން މުއައްސަސާތަކުގެ މަޖިލިސް ކޮމެޓީއަށް މީޑިއާގެ އިސްވެރިން ހާޒިރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މީޑިއާ ރެގިއުލޭޓުކުރާ ދެ މުއައްސަސާ، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށް ރާއްޖޭގައި ހިންގާ ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ އިސްވެރިން ތާއީދުކޮށްފި އެވެ.

މީޑިއާ ރެގިއުލޭޓުކުރާ ދެ މުއައްސަސާ އެއްކޮށްލުމާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީގެ މަސައްކަތް ފަށާފައިވާ އިރު، އާދީއްތަ ދުވަހުގެ ރޭ އެ ސަބް ކޮމިޓީއަށް އެމްއެމްސީއާއި ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކޮށް، ދެ މުއައްސަސާގެ މެމްބަރުންގެ ހިޔާލު ހޯދާފައިވެ އެވެ.

ރޭ އޮތް ސަބް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖޭގެ މީޑިއާތަކުގެ އިސްވެރިން ބައިވެރިވި އިރު، ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ދެ މުއައްސަސާ އެއްކޮށްލުމަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ. އަދި ގިނަ ބޭފުޅުން ވިދާޅުވީ ދެން އުފައްދާ އާ މުއައްސަސާއެއް މިހާރުގެ މީޑިއާ ކައުންސިލް އޮންނަ މޮޑެލްއަށް އުފެއްދުން ރަނގަޅުވާނެ ކަމަށެވެ.

ސަން މީޑިއާ ގްރޫޕުގެ ސީއީއޯ އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ބްރޯޑްކާސްޓިންގް ކޮމިޝަނު މިހާރު އޮންނަ މޮޑެލްއަކީ ފެއިލްވެފައިވާ މޮޑެލްއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެއީ ސިޔާސީ ބޭފުޅުންގެ ފަހަތުގައި އެނބުރޭ މުއައްސަސާއެއް ގޮތަށް ފާހަގަވަނީ. މީދިއާއަށް ލިބޭ ހުރިހާ ގެއްލުމެއް ވޭތުވެ ދިޔަ ދުވަސްތަކުގައި ލިބިފައި އޮތީ އެ މުއައްސަސާ ހިންގަން ތިބި ބޭފުޅުންގެ ސަބަބުން. އެހެންވީމާ މީގެން އިބުރަތް ހާސިލުކޮށް މީޑިއާއަށް ރަނގަޅު ވެއްޓެއް ގާއިމުކޮށް،، މީޑިއާ ރަނގަޅަށް ރެގިއުލޭޓުކުރެވޭނެ ގޮތަކަށް މި ދެ މުއައްސަސާ އެއްކޮށްލައިގެން ހިންގަން އެއީ ތާއީދުކުރާ ގޮތަކީ،" މީގެ ކުރިން މީޑިއާ ކައުންސިލުގެ މެމްބަރުކަން ކުރެއްވި ހިރިގާ ޒާހިރު ވިދާޅުވި އެވެ.

ގިނަ ބޭފުޅުން ވިދާޅުވީ އާ ކޮމިޝަން ވާންޖެހޭނީ މީޑިއާއިން ސެލްފް ރެގިއުލޭޓުކުރެވޭ ނިޒާމަކަށް ބައްޓަންކުރެވޭ މުއައްސަސާއަކަށް ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން އެންމެ ފުރަތަމަ ކުރެއްވި އަހްމަދު ނަޒީފް ވިދާޅުވީ މީޑިއާ ރެގިއުލޭޓުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

"މީޑިއާ އަބަދުވެސް އޭގެ ޒާތުގައި ސެލްފް ރެގިއުލޭޓަރީ މެކެނިޒަމަކަށް ވާންޖެހޭނެ ކޮންމެ ކޮމްޕޮޒިޝަނަކަށް އޮތަސް. މީޑިއާ އޭގެ ޒާތުގައި ރެގިއުލޭޓުކުރެވިގެން ނޫނީ މިކަން ރަނގަޅުވާނެކަމަކަށް ގަބޫލެއް ނުކުރަން،" ނަޒީފް ވިދާޅުވި އެވެ.

ނަޒީފް ވިދާޅުވީ މީޑިއާ ކައުންސިލުގެ ފޯމެޓަކީ، އަލަށް އުފައްދާ ކޮމިޝަނެއްވެސް އޮތުން އެންމެ ރަނގަޅު ފޯމެޓް ކަމަށެވެ. ނަމަވެސް ސަރުކާރުން ހަރަދުކުޑަކުރުމަށް އެދޭނަމަ ކަންކަން ބެލެހެއްޓުމަށް އޮމްބަޑްސްމަނެއް ބެހެއްޓިދާނެކަމާށްވެސް ވިދާޅުވިއެވެ.

"އެހެން ނޫނީ އެއްކަލަ މަޅިއަށް ފެތިގެން ދާނެ، އެހެން ފަރާތަކުން މީޑިއާ ރެގިއުލޭޓުކުރަން ވިއްޔާ،" އޭނާ ވިދާޅުވިއެވެ.

ވީމީޑިއާގެ ޗީފް އޮފަރޭޓިންގް އޮފިސަރު، އަދި މީޑިއާ ކައުންސިލުގެ ރައީސްކަންވެސް ކުރެއްވި މުހައްމަދު އާސިފް (މޮންދު)ވެސް ވިދާޅުވީ އެމްއެމްސީގެ އެކުލެވޭ ފޯމެޓަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެމްއެމްސީ މިހާރު އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް--މީޑިއާގެ ބައިވެރުވުން ވަރަށް ބޮޑަށް ހިމެނޭ ގޮތަށް. އާ ކޮމިޝަނެއް ހަދާއިރު އެ ވިސްނުން ގެންގުޅުން ރަނގަޅު. ނަމަވެސް މީހުން ހޮވުމުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ހޮވޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމުކަމެއް،" މޮންދު ވިދާޅުވިއެވެ.

މޮންދުވެސް ވިދާޅުވީ މީޑިއާއަކީ ރެގިއުލޭޓުކުރެވެން ޖެހޭނެ އެއްޗެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އަލަށް އުފައްދާ ކޮމިޝަނުގައި "ބްރޯޑްކާސްޓިންގް" މާނަކުރާ ގޮތް ފުޅާކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް އަލީމް (މުންޑޫ) ވެސް ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިކަން ކުރާ ގޮތް ވަރަށް ބޮޑަށް ވަނީ ތަފާތުވެފަ އެވެ.

"މިހާރު ވީޑިއޯ ރިޕޯޓުތަކާއި ބޮޑެތި ޑޮކިއުމެންޓްރީތައް އެންމެ ގިނައިން ހަދަނީ އޮންލައިންކޮށް. ދުނިޔޭގައި މީޑިއާ މުޅިން ބަދަލުވެއްޖެ. އިއްޔެ ނޫސްވެރިކަން ކުރ ިގޮތަކަށްނޫން މިއަދު ކުރަނީ. މި ބާވަތުގެ ގާނޫނެއް ލިޔާއިރު މިކަހަލަ ކަންކަމަށް ފުރިހަމަކޮށް ފައްކާކޮށްފައި އޮތް އެއްޗަކަށް [ހަދާނެ]ކަމަށް އުންމީދުކުރަން،" އާދަމް ހަލީމް ވިދާޅުވި އެވެ.

އޭނާވެސް ވިދާޅުވީ އާ ކޮމިޝަނަށް އެންމެ ރަނގަޅު ގޮތްކަމަށް ބެލެވެނީ ނުވަ މެމްބަރުން ހަމަޖެއްސުން ކަމަށާއި، އޭގެ ތެރެއިން ފަސް މީހުންނަކީ މީޑިއާ ތަމްސީލުކުރާ މީހުންނަށް ހެދުން ކަމަށެވެ.

"މީޑިއާ ތަމްސީލުނުކުރާ ގޮތަކަށް ކޮމިޝަނު އޮތުމަކީ އެހާ ރަނގަޅު ކަމަކަށް ނުވެދާނެ. ސަބަބަކީ، އެކަމެއްގެ އަހުލުވެރިން ނޫން ބަޔަކު އެކަމުގެ ތެރެއަށް ވަދެއްޖިއްޔާ އެކަމެއް ހަލާކުވެ ހިނގައިދާނެ ވަރަށް ފަސޭހއިން،" އާދަމް ހަލީމް ވިދާޅުވި އެވެ.

މިހާރު އޮތް ދެ މުއައްސަސާގެ ތެރެއިން ބްރޯޑްކާސްޓިންގް ކޮމިޝަނު އެކުލެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އައްޔަނުކުރާ ހަތް މެމްބަރުންގެ މައްޗަށެވެ.

އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވެނީ މީޑިއާގެ ތެރެއިން އިންތިހާބުކުރާ އަށް މީހުންނާއި އާންމުންގެ ތެރެއިން ހޮވާ ހަތް މީހުންގެ މައްޗަށް އެކުލެވޭ، 15 މެމްބަރުންގެ މައްޗަށެވެ.

comment ކޮމެންޓް