ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމްއެންޑީއެފްއާ ފުލުހުން މަޝްވަރާކޮށްފި

ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމްއެންޑީއެފްއާ ފުލުހުން ބޭއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ސަލާމަތީ މަޝްރަހުގައި ހުރި ކަންތައްތަކާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިން މިއަދު ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަލާމަތީ މަޝްރަހުގައި ހުރި ކަންކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެެވެ.

އެ ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް،މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެ މުއައްސަސާގެ އިސް އޮފިސަރުންނެވެ.

ދެ މުއައްސަސާއިން ރާއްޖޭގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރިއިރު، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފު އަދި ރަސޫލާއަށާއި ދީނަށް ފުރައްސާރަކޮށްފައިވާ ލިޔުންތަކެއް ހުރި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ރިޕޯޓުގެ މައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައޔްިތުންގެ ތެރޭގއި ފިތުނަ ފަސާދައާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ބަޔަކު މީހުން ކުރަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލަމުންދާ އިރު، އެ ޖަމިއްޔާގެ ބައެއް މީހުންނަށް މަރުގެ އިންޒާރު ދިން މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފުރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަ ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅވިެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި، ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު މީހުން އަމަލުކުރަމުން ދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި އާންމު ތަންތަނުގައި މީސްމީހުންގެ ފުރާނައާއި ނަފުސަށް ގެއްލުން ދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާންމުކޮށް ހަދަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

"މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި ސާވިސްއިން އިލްތިމާސްކުރަމުނެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވައި، ރައްޔިތުންގެ ނަފުސާއި މުދާ ރައްކާތެރިކުރުމުގައި މި ސާވިސް އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް