ބޭރު ދަތުރުތަކުގެ މަގްސަދަކީ މަޝްރޫއުތަކަށް އެހީ ހޯދުން: ރައީސް

ރައީސްގެ ދެކަނބަލުން ޖަޕާނުގައި ދިވެހިންނާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ މައިގަނޑު ބޭނުމަކީ ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ވަމުންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރާ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރުގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުތަކުން ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށެވެ.

އަދި ވިދާޅުވީ މިދަތުރުފުޅުގެ މުހިންމު އެއް ބޭނުމަކީ ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން، އާލާކޮށް ކުރިއެރުވުންކަމަށެވެ.

މިއަދު ރައީސް ސޯލިހު، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރެއްވި އިރު، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރަން ޖަޕާނު ސަރުކާރުން ރާއްޖެ އަށް 70.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ހައްގުތައްވެސް ކަނޑައެޅިފައި އޮންނަނީ، އެބައެއްގެ މެދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމުގެ މައްޗަށްކަމަށެވެ. އެހެންކަމުން ޢާންމު މަސްލަޙަތު ނުގެއްލޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ފަރާތަކުންވެސް މިކަންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމާއި ކުދިން ތަރުބިއްޔަތު ކުރުމުގައިވެސް މިކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދު ޖަޕާނުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ޖަޕާނަށް ދާ ދިވެހީންނަށް ވިސާގެ ކަންކަން ލުއިފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެއްވިއެވެ.

comment ކޮމެންޓް