އެމެރިކާގެ ދިފާއީ ވަޒީރު ކުއްލި ގޮތަކަށް އަފްގާނިސްތާނަށް ވަޑައިގެންފި

އެސްޕާ އަފްޣާނިސްތާނުގައިވާ އެމެެރިކާގެ އަސްކަރީ ބޭހަކަށް މިއަދު ފާބައި ވަޑައިގަންނަވަނީ

ކާބުލް (އޮކްޓޯބަރ 21) : އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ އަފްގާނިސްތާނަށް ވަޑައިގެންފިއެވެ.

ރަސްމީ ސިފައެއްގައި އިއުލާން ނުކުރައްވައި އެސްޕާ ކުއްލި ގޮތަކަށް އަފްގާނިސްތާނަށް ވަޑައިގެންނެވީ ތާލިބާނުންނާއެކު އެމެރިކާ ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުންކަމަށް ޚަބަރުތައް ބުނެއެވެ.

އަފްގާން ހަނގުރާމަ ހުއްޓާލުމަށާއި އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށްޓަކައި ގަތަރު މެދުވެރިއަކަށްވެގެން ތާލިބާނުންނާ އެމެރިކާ ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތައް ވަކި ސަބަބެއް ހާމަކުރުންނެތި ކުއްލިގޮތަކަށް ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ މިދިޔަ މަހުއެވެ. ތާލިބާނުންނާއި އެމެރިކާގެ ސުލްހައިގެ ވާހަކަތައް ބިނާކުރީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމުން އަފްގާނިސްތާނުގައި އެމެރިކާއަށް އަމަނާބެހޭ ޖާމިނުވުން ދިނުމުގެ މައްޗަށެވެ.

މިގޮތުން އަފްގާނު ބިމުން ހަނގުރާމަވެރި އެއްވެސް ޖަމާއަތަކަށް ޖާގަ ނުދޭނެކަމުގެ ޔަގީންކަން ތާލިބާނުން ދީފައިވާއިރު އެމެރިކާ ވަނީ އަފްޣާނިސްތާނުގައިވާ އެމެރިކާގެ 14 ހާސް ސިފައިން ބާލާނެކަމުގެ ޔަގީންކަން ތާލިބާނުންނަށް ދީފައެވެ. މިއަސާސްގެ މަތިން ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދާންގާތްވެފައިވަނިކޮށް ކުއްލިގޮތަކަށް ސުލްހައިގެ ވާހަކަތައް ހުއްޓާލަން ޓްރަމްޕް ނިންމެވީ މިދިޔަ މަހު ކާބުލްގައި ތާލިބާނުން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހަކު މަރުވުމަށްފަހުގައެވެ.

ތާލިބާނުން އެ ހަމަލާ ދިނީ އެމެރިކާގެ 14،000 ސިފައިން އެއްކޮށް އަފްގާނިސްތާނުން ބާލާނެކަމަށް ބުނުމަށްފަހު އެކަން ބަދަލުކޮށް އެމެރިކާގެ 8،600 ސިފައިން އަފްގާނިސްތާނުގައި ބޭތިއްބުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ތާލިބާނުންވެސް އަދި އެމެރިކާވެސް ސީދާގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ.

ކާބުލްއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވީ އެމެރިކާގެ މަގްސަދަކީ އަފްގާނިސްތާނަށް ސުލްހަ ގެނައުންކަމަށާ މިހާތަނަށް ދެކެވިފައިވާ ހުރިހާ ވާހަކަތަކެއްގެ ބޭނުމަކީވެސް އެއީ ކަމުގައެވެ. ނަމަވެސް ތާލިބާނުންގެ ނަން އެސްޕާ ވިދާޅެއްނުވެއެވެ.

އަފްގާނިސްތާނުން އެމެރިކާގެ ސިފައިން ބޭލުމާ ބެހޭގޮތުން އެސްޕާ ވިދާޅުވީ ކުއްލިގޮތަކަށް އެމެރިކާގެ 14،000 ސިފައިން އަފްގާނިސްތާނުން ބާލައިފިނަމަ ޓެރަރިޒަމާ ދެކޮޅަށްކުރާ ހަނގުރާމައަށް ލޮޅުން އަރާފާނެކަމުގައެވެ. ސީރިއާއިން މިސާލު ނަންގަވަމުން އެސްޕާ ވިދާޅުވީ ސީރިޔާގައި ތިބި އެމެރިކާ ސިފައިންގެ 2،000 މީހުން އެއްކޮށް ބޭލުމަށް ޓްރަމްޕް ނިންމެވުމުންވެސް އެމެރިކާގެ ބައިވެރި ގައުމުތަކަށް ސިހުން ލިބިގެން ޝަކުވާ ކުރިކަމަށާ އަފްގާނިސްތާނުން އެމެރިކާ ސިފައިން އެއްކޮށް ބޭލުމުންވެސް އެމެރިކާގެ ބައިވެރި ގައުމުތައް ކަންބޮޑުވާނެ ކަމުގައެވެ.

އަފްގާނިސްތާނުގައި މިހާރުތިބި އެމެރިކާގެ 14،000 ސިފައިންގެ ތެރެއިން 5،400 ސިފައިން ބޭލުމަށްފަހު 8،600 ސިފައިން އަފްގާނިސްތާނުގައި ބޭތިއްބުމުގެ ވިސްނުން ޓްރަމްޕް ގެންގުޅުއްވާކަމަށް އެސްޕާ ވިދާޅުވިއެވެ. މިމައްސަލައިގައާއި ތާލިބާނުންނާއެކު ސުލްހައިގެ ވާހަކަތައް އަލުން ފެށުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އެސްޕާ މިއަދު އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އާ ބައްދަލުކުރައްވާނެކަމަށް މައުލޫމާތު ލިބެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް