އޭސީސީއިން ނުފޫޒުގެ ތުހުމަތު ކުރީ ސިޔާސީ ބޭނުމެއްގައި އަބުރު ކަތިލަން: ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރީ ނުބައި ނިޔަތެއްގައި ކަމަށާއި، އެކަން ކުރީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލަން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ، ސަމީރު އޭނާ އަށް ގުޅުއްވާފައި ނުފޫޒުފޯރުއްވަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ސަމީރު ވާހަކަ ދެއްކެވި ގޮތުން ދޭހަވަނީ، ވަކި ކަމެއް އޭނާ ލައްވާ ކުރުވަން މަސައްކަތް ކުރެއްވި ކަމަށް ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ސަމީރު "ސަން"އަށް ވިދާޅުވީ، އޭނާ އޭސީސީއަށް ގުޅުއްވީ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުގައި ހުރި މީހަކު އަމިއްލަ ހައިސިއްޔަތުން އޭސީސީއަށް ހާޒިރުވާން އޭސީސީއިން އެންގުމުން އެކަން އޮތް ގޮތް ސާފު ކުރައްވަން ކަމަށެވެ. އޭނާ ވިދާޅުވީ، އެ ސްޓޭޓް މިނިސްޓަރަށް އޭސީސީއަށް ހާޒިރުވާން އެންގީ ލޭންޑްލައިނަކުން ގުޅާފައި ކަމަށާއި، ލިޔުމުން ނާންގާ ކަމަށެވެ. އަދި ދައުލަތުގެ ޒިންމާއެއް އަދާ ކުރަން ހުރި މީހަކު އޭސީސީއަށް ހާޒިރު ކުރާ ނަމަ ކުރަން ޖެހޭނީ މަގާމުގެ ހައިސިއްޔަތުން ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ އުސޫލެއްގެ ގޮތުން މިސާލަކަށް ޝިއުނާ މިއަދު ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މަސައްކަތްޕުޅު ކުރައްވާ އިރު މާދަމާ އަމިއްލަ ހައިސިއްޔަތުން މަޖިލީހުގެ ކޮމިޓީއަކަށް ގެންދަވައިފިއްޔާ އެއީ ވަރަށް ހަމަޖެހޭ އުސޫލަކަށް ނުވެދާނެ ދެއްތޯއޭ. އެހެންވީމާ މިއީ ވިސްނާލަން ޖެހޭނެ ކަމެއް ކަމަށޭ އަޅުގަނޑަށް ފެންނަނީ،" ސަމީރު ވިދާޅުވިއެވެ.

އެކަން ބަލާލާނެ ކަމަށް ޝިއުނާ ވިދާޅުވި ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ފަހުން އެ ސްޓޭޓް މިނިސްޓަރެއްގެ ނަން ދިނުމަށް އެދުމުން އެ ނަންވެސް ދިން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަމެއްގެ މައުލުމާތު ސާފު ކުރަން އޭސީސީއަށް ގުޅުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އެކަމުގެ ސަަބަބުން ނުފޫޒު ފޯރުވުމުގެ ތުހުމަތު ކުރާތީ ޝިއުނާގެ ނިޔަތާ މެދު ސުވާލު އެފެދޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އެ ބޭފުޅުން ގުޑް އިންޓެންޝަނެއްގައި [ނިޔަތެއްގައި] ކުރި ކަމެއް ކަމަށް. އަދި އަޅުގަނޑު ދެކެނީ އެއީ ސިޔާސީ ގޮތުން އަޅުގަނޑުގެ އަބުރު ކަތިލާންވެގެން އެބޭފުޅުން ކުރެއްވި ކަމެއް ކަމަށް،" ސަމީރު ވިދާޅުވިއެވެ.

އަދި އޭނާ ގުޅީ ކޮން ހައިސިއްޔަތަކުން ކަމެއްވެސް އޭސީސީއިން ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރަކު ހާޒިރު ކުރަން އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް ދެއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އީވާ އެކަން ބަލަން އެދިވަޑައިގަތުމުން އޭނާއަށް ހައިސިއްޔަތު ލިބޭ ކަމަށެވެ. އަދި ދެން އޭނާއަށް ހައިސިއްޔަތު އޮތް ގޮތެއް އޭސީސީއިން އަހާފައި ނުވާތީ އެކަން ހާމަކުރައްވަންވެސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ.

އެއްޗެއް އޮޅުންފިލުވަން އޭސީސީއަށް ގުޅާ ކޮންމެ މީހަކީ ނުފޫޒު ފޯރުވަން އުޅޭ މީހަކަށް ވަންޏާ ހުރިހާ ރައްޔިތުން ތިބޭނީ އެތަނަށް ދާންވެސް ނުކެރިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝިއުނާ ވިދާޅުވެފައިވަނީ، އެ ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅޭ ނަމަ އެކަން ހާމަ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް