ކުރުދީ ހަނގުރާމަވެރިން ރަސަލް އައިން އިން ފައިބައިފި

އެސްޑީއެފްއިން ބުނާ ގޮތުގައި އެޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ރަސަލް އައިން އިން ފައިބާފަ -- ފޮޓޯ: ރޮއިޓާސް

ދިމިޝްގު (އޮކްޓޯބަރު 21): ސީރިއާގައި ތުރުކީ ސިފައިން ވަށާލާފައިވާ ރަސަލް އައިން އިން ކުރުދީ ހަނގުރާމަވެރިން ފައިބައިފި ކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް)އިން ބުނެފި އެވެ.

ސީރިއާގެ ކުރުދީން އިސްކޮށް ތިބޭ އެސްޑީއެފްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ރަސަލް އައިންގައި ތިބި އެޖަމާއަތުގެ ހުރިހާ ހަނގުރާމަވެރިން މިހާރު ވަނީ އެސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

ނަމަވެސް، ތުރުކީގެ އެހީއާއެކު ރަސަލް އައިންގެ ބޮޑުބައެއް މިހާރު ކޮންޓްރޯލު ކުރަމުންދާ ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރަސަލް އައިންގެ ކުޑަ ސަރަހައްދެއްގައި އަދި ވެސް ކުރުދީ ފައުޖުތައް ތިބި ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ އެސްޑީއެފް ހަނގުރާމަވެރިން ތިބި 86 އުޅަނދެއް ރަސަލް އައިން އިން 40 ކިލޯ މީޓަރު ދުރުގައި އޮންނަ ރަށަކަށް ދަތުރު ފަށާފައިވާ ކަމަށް ބުނެފަ އެވެ.

ކުރުދީ ހަނގުރާމަވެރިން އެސަރަހައްދު ދޫކޮށް ދާން ފެށީ، ތުރުކީން އެމެރިކާއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ސީރިއާއަށް ހަމަލާ ދިނުން ފަސް ދުވަސްވަންދެން ހުއްޓާލަން އެއްބަސްވި ފަހުންނެވެ. އެ އެއްބަސްވުމުގައި ތުރުކީން ވަނީ އެގައުމުން ސީރިއާގެ ބޯޑަރުގައި ސޭފް ޒޯނެއް ހަދަން ބޭނުންވާ ސަރަހައްދުން ކުރުދީން ފައިބަން 120 ގަޑި އިރު ދީފަ އެވެ.

އަދި އެ އެއްބަސްވުމާ މެދު ރުހޭކަން އެސްޑީއެފްއިން ހާމަ ކުރި ނަމަވެސް، ސީރިއާގެ ބޯޑަރުން ކުރުދީން ފަހަތަށް ޖެހޭނީ ކިހާ ވަރެއްގެ ސަރަހައްދަކުން ކަމާ މެދު ދެބަސްވުން ވަނީ އުފެދިފަ އެވެ.

އެގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވާ ގޮތުގައި އެގައުމުން ހަދާ ސޭފް ޒޯނުގެ ދިގު މިން 450 ކިލޯ މީޓަރަށް އަދި ފުޅާމިން 30 ކިލޯމީޓަރަށް އަރާނެ އެވެ. ނަމަވެސް އެސްޑީއެފްއިން ބުނާ ގޮތުގައި އެޖަމާއަތުގެ މެމްބަރުން ފައިބާނީ އެއަށް ވުރެ ކުޑަ ސަރަހައްދަކުންނެވެ.

ތުރުކީން ބުނާ ގޮތުގައި އެގައުމުން ހަދާ ސޭފް ޒޯނުގެ މަގުސަދަކީ ތުރުކީގައި ތިބި އެތައް ހާސް ސީރިއާގެ ރެފިއުޖީން އެސަރަހައްދުގައި ވަޒަންވެރި ކުރުމެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި މިމަހުގެ ނުވައެއްގައި ތުރުކީން ފެށި އަސްކަރީ އޮޕަރޭޝަނުގައި ސީރިއާގެ 72 އާއްމު ރައްޔިތުން މަރުވެ، 300،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.

comment ކޮމެންޓް