ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އަދި ނައިބު ރައީސާ ފާތިމަތު ޒައިނާ: ޝަހީބު އިސްތިއުފާ ދެއްވި އިރު، ޒައިނާ ވަކިކުރަން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ/ ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން މިއަދު ހުޅުއްވާލައްވައިފި އެވެ.

އެ ފުރުސްތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

މިއީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ދެ ވަނަ ފަހަރެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރަން ބްރޯޑްކަމްގެ މެމްބަރުކަމަށް ހުޅުވާލީ ބްރޯޑްކޮމްގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ބްރޯޑްކަމުގެ މެމްބަރުކަމަށް ކުރިމަތިލުމަށް މިއަދު އަނެއްކާ ވެސް ހުޅުވާލީ ބްރޯޑްކަމްގެ މެމްބަރުކަމުގައި ހުންނެވި ފާތިމަތު ޒައިނާ މަގާމުން ވަކިކުުރުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން ވަކިކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ޝަހީބާއި ޒައިނާގެ އިތުރުން ބްރޯޑްކޮމްގެ މެމްބަރު ޒީނާ ޒާހިރުގެ މައްސަލައެއް ވެސް ކޮމިޓީން އަންނަނީ ބަލަމުންނެވެ. ނަމަވެސް މައްސަލާގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި ޒީނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ޒީނާގެ އިތުރުން އައިމިނަތު ސަރާހަތު އިއްޒަތާއި އަމްޖަދު ވަހީދު އެވެ.

comment ކޮމެންޓް