ކައުންޓާ ޓެރަރިޒަމަށް ޖަޕާނުންދޭ 4 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސ ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުުފުޅުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެ އަށް އެހީތެރިކަން ދޭން ނިންމައި ފައްސަތޭކަ މިލިޔަން ޖަޕަނީޒް ޔެން (4.6 މިލިއަން ޑޮލަރު)ގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނާއީ އެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސް އާ ގުޅޭ އިތުރު ތަފްސީލު ފޮރިން މިނިސްޓްރީ އިން ހާމައެއް ނުކުރެ އެވެ.

ޖަޕާނުގެ އާ އެމްޕެރާ ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ބައްދަލު ކުރައްވާ ދެބޭފުޅުން ވަނީ ދެގައުމުން އިސްކަންދޭ ބައިނަލްއަގުވާމީ އެކި މައްސަލަތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.

މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި، ދެ ޤައުމުގެ ގުޅުން އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

comment ކޮމެންޓް