އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ފިޔާޒު އައްޔަން ކުރަން ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރުމަށް ރުހުން ދިނުމަށް މަޖިލީހުން ނިންމި ފިޔާޒު މޫސާ --- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުން ވަނީ، ފިޔާޒަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދީފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަން ދިރާސާކޮށް، އޭގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެ ތިން ބޭފުޅުންނަކީ:

ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި
އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ

އެ ތިން ނަމުގެ ތެރެއިން ފުރަތަމަ ވޯޓަށް އެހި ހުސައިން ފިޔާޒަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވުމުން ދެން ހުރި ނަންތަކަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރުމަށް ރުހުން ދިން ހުސައިން ފިޔާޒު މޫސާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފަައި ހުންނެވި ފަރާތެކެވެ. އަދި އަހްމަދު ފަޔާޒް ހަސަނަކީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެކެވެ. އަދި އަހްމަދު އާހިދު ރަޝީދު މަސައްކަތްކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގަ އެވެ.

މި ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވަން ކޮމިޓީން ފާސްކުރީ އިންޓަވިއު ކުރުމަށްފަހު އެވެ. އެހެން ނަމަވެސް އެބޭފުޅުންނަށް މާކްސް ދީފައެއް ނުވެ އެވެ.

އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެ މަގާމަށް އައްޔަން ކުރީ 2014 ޖުލައި 22 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ.

comment ކޮމެންޓް