އަމިއްލަ ހައިސިއްޔަތުން ވާހަކަ ދެއްކޭނެ، މަޖިލީހުން އުޅެނީ ބިރު ދައްކަން: ޝަހީމް

ޑރ. ޝަހީމް: މަޖިލީހުން އޭނާއަށް ބިރުދައްކަން އުޅޭ ކަމަށް ވަނީ ތުހުމަތު ކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ މަގާމެއްގައި ހުއްޓަސް އަމިއްލަ ހައިސިއްޔަތުން ވާހަކަ ދެއްކޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އުޅެނީ މީހުނަށް ބިރު ދައްކަން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެހެން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައި ދިނުމަށް އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުމުންނެވެ.

އެކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ މަގާމެއްގައި ހުރި މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ވާހަކަ ދެއްކޭނެ ކަމަށާއި އެމްޑީއެންގެ ރިޕޯޓް ކުށްވެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ މަގުސަދާ މެދު ޝަހީމް ސުވާލު އުފައްދަވާފައިވާ އިރު އޭނާ ވަނީ މަޖިލީހުން އުޅެނީ މީހުނަށް ބިރު ދައްކަން ކަމަށް ތުހުމަތު ކޮށްފަ އެވެ.

ޝަހީމްއާ ގުޅޭ ގޮތުން މަޖިލީހަށް އަލީ އާޒިމް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، ރާއްޖޭގެ ދާހިލީ ކަން ކަމަށް ޝަހީމް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުން ގެންދަނީ އޯއަސީގެ ސެކެޓްރީ ޖެނަރަލް ވިދާޅުވެގެންތޯ ބައްލަވައި ދެއްވުމަށް އެދި އެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ވަނީ މިހާރު ފޮނުވައިފަ އެވެ.

comment ކޮމެންޓް