ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބުދަ ދުވަހު ފަށަނީ

ދިރާގު ސްޕެޝަލްސް ސްޕޯޓްސް ފެސްޓިވަލް 2019 ގެ ބައިވެރިންނަށް ދޭ މެޑަލް--

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދިރާގުން ބާއްވާ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަ ބުދަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ހެންވޭރު ދަނޑުގައި ބާއްވާ އެ ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 4:00 - 6:00 އަށެވެ.

މިކަމާ ގުޅޭގޮތުން ދިރާގުގެ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީސް ބިޝާރާ ހަމީދު ވިދާޅުވީ، އެ ފެސްޓީވަލްގައި އެންމެ ބޮޑު އިސްކަމެއް ދެނީ ސްޕެޝަލް އޮލިމްޕިކްސްގައި ހިމެނޭ އިންޓަނޭޝަނަލް ގޭމްސްތައް ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން ތައާރަފް ކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލާނަން ދިރާގު ސްޕެޝަލްސް ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވަމުން އަންނަ ބައެއް ކުދިން މިހާރު ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް ގޭމްސްގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް ފަޚުރުވެރި ވަނަތައް ހޯދަމުން އަންނަކަން." ބިޝާރާ ވިދާޅުވި އެވެ.

މިއަހަރުގެ ފެސްޓިވަލްގައި ކުދިން ބައިވެރި ކުރާ ކުޅިވަރުތަކުގެ ތެރޭގައި ކޮމްޕެޓެޓިވް ރަނިންގް އަދި މިދިޔަ އަހަރުގެ ފެސްޓިވަލްގައި ތައާރަފުކުރި ބޮޝިއާ އަދި އަލަށް ތައާރަފުކުރާ ވީލްޗެއާ ރަނިންގް ހިމެނެ އެވެ.

މިއަހަރުގެ ފެސްޓިވަލްއަކީ މިހާތަނަށް އެންމެ ގިނަ ސްކޫލްތަކުން ބައިވެރިވާ އަހަރެވެ. އެގޮތުން މިއަހަރުގެ ފެސްޓިވަލްގައި 14 ސްކޫލަކުން ބައިވެރިވާއިރު، ހަތަރު އެންޖީއޯއިން ބައިވެރިވާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ފެސްޓިވަލްގައި ބައިވެރިވާ އެންޖީއޯތައް

  • ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް
  • ކެއާ ސޮސައިޓީ
  • މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އެންމެ ފުރަތަމަ ބާއްވާފައިވަނީ މީގެ ނުވަ އަހަރު ކުރިން، 17 ކުދިންނާއެކުގައި އެވެ. އަދި ކޮންމެ އަހަރަކު ވެސް ބައިވެރިންގެ އަދަދު އިތުރުވަމުން ގޮސް މިއަހަރުގެ ފެސްޓިވަލްގައި ބައިވެރިވާ ކުދިންގެ އަދަދު ވަނީ 400 އަށްވުރެ މައްޗަށް އަރާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް