ކުނި އުފެދޭ މިންވަރު ދެނެގަންނަން ވެމްކޯއިން ވިލިމާލޭގައި ސާވޭއެއް

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލަކުން ކުނި ބޭލުމުގައި މީހަކު ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގެ ގޭބީސީތަކުގައި ކުނި އުފެދޭ މިންވަރު ދެނެގަތުމަށް ވެމްކޯ އިން އެ އަވަށުގައި ސާވޭއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

"ވޭސްޓް ސާވޭ އަދި އޮޑިޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ސާވޭ އަކީ ވިލިމާލޭގެ އެކި ޒޯނުތަކުން ހޮވާލެވޭ 336 ގޭބީސީ އަށް ވެމްކޯ އިން ޒިޔާރަތްކޮށް ކުރިއަށްގެންދާނެ ސާވޭ އެކެވެ. މި ސާވޭ ކުރިއަށްގެންދަނީ ވެމްކޯ އިން ހިދުމަތްދޭ ގޭބީސީތަކުގައި ކުނިއުފެދޭ މިންވަރާއި ކުނީގެ ބާވަތްތައް ދެނެގަނެ، ކުނި ބަންދުކުރުމުގައި ގެންގުޅޭ އުސޫލުތައް ދެނެގަތުމަށެވެ.

މީގެ އިތުރުން މި 336 ގޭބީސީގައި އުފައްދާ ކުނިކޮތަޅު ބޭނުންކޮށްގެން ބޭސްޓް އޮޑިޓެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މި އޮޑިޓަށް ބިނާކޮށް ވެމްކޯ އިން ދޭ ހިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯ އިން ބުނީ މި ސާވޭ ކުރިއަށް ގެންދާނީ 20 އޮކްޓޯބަރުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ކަމަށެވެ. ވިލިމާލޭގައި އެކުންފުނިން ހިދުމަތްދޭ ހުރިހާ ޒޯނެއްގަިއ ސާވޭ ޓީމުން ހަރަކާތްތެރިވާނެ ކަމަށާއި ސާވޭގައި ބައިވެރިވާ ހުރިހާ މުވައްޒަފުންވެސް ތިބޭނީ ވެމްކޯގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

ގޭބީސީތަކަށް ޒިޔާރަތްކުރާ މީހުންނަކީ ވެމްކޯގެ މުވައްޒަފުންކަން ޔަގީން ކުރުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ. އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަވާނަމަ އެކަން ފުލުހުންނަށާއި ވެމްކޯ އަށް އެންގުމަށްވެސް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް