އޮސްޓްރޭލިއާގެ ނޫސްތަކުގެ ބޭރުގަނޑު "ސެންސަރު"ކޮށްފި

އޮސްޓްރޭލިއާގެ ބައެއް ނޫސްތަކުގެ ބޭރުގަނޑު އެމީޑިއާތަކުން ވަނީ އަމިއްލައަށް ސެންސަރުކޮށްފަ -- ފޮޓޯ: ބީބީސީ

ކެންބެރާ (އޮކްޓޮބަރު 21): އޮސްޓްރޭލިއާގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލުމުގެ ގޮތުން، އެގައުމުގެ ބައެއް މީޑިއާތަކުން އަމިއްލައަށް ނޫހުގެ ބޭރުގަނޑު ސެންސަރުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން މައުލޫމާތު ހިފެހެއްޓުމާއި ސިއްރު ކުރުމާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން ނޫސްވެރިން ފަށާފައިވާ ކެމްޕޭނެއްގެ ދަށުން މިއަދު، ނޫހުގެ ބޭރުގަނޑު ކަޅު ދެލިން ފަވާލާފައިވާ ނޫސްތަކުގެ ތެރޭގައި ދި އޮސްޓްރޭލިއަން، ސިޑްނީ މޯނިން ހެރަލްޑް އަދި އޮސްޓްރޭލިއަން ފައިނޭންޝަލް ރިވިއު ހިމެނެ އެވެ.

އަދި އެގައުމުގެ ޓީވީތަކުން ދަނީ "ސަރުކާރުން ހަގީގަތް ސިއްރު ކުރާ ނަމަ، އެފޮރުވަނީ ކޮން ކަމެއްތޯ" ރައްޔިތުން ސުވާލު ކުރުމަށް ގޮވާލާ އިޝްތިހާރުތައް ދައްކަމުންނެވެ.

އޮސްޓްރޭލިއާގެ ނޫސްތަކާއި ނޫސްވެރިންގެ ޔޫނިއަންއެއް ހިމެނޭ "ރައިޓް ޓު ނޯ ކޯލިޝަން"އިން އެކެމްޕެއިން ފެށީ މިދިޔަ ޖޫން މަހު އެގައުމުގެ ފުލުހުން އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ)ގެ އޮފީހާއި ނިއުސް ކޯޕްސްގެ ނޫސްވެރިޔެއްގެ ގެ ފާސް ކުރުމާ ގުޅިގެންނެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނި ގޮތުގައި ފުލުހުން އެ ދެ ތަން ފާސް ކުރީ ވިސުލްބްލޯވާސް ދިން މައުލޫމާތަށް ބިނާކޮށް ލިޔުނު ސަރުކާރާ ގުޅުން ހުރި ރިޕޯޓުތަކަކާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ރިޕޯޓުގައި އޮތީ އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސެސްއިން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ދެވަނަ ރިޕޯޓުގައި އޮތީ ސަރުކާރުގެ އިދާރާއަކުން އޮސްޓްރޭލިއާގެ ރައްޔިތުންނަށް ޖާސޫސު ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފަ އެވެ.

އެ ދެ ރިޕޯޓާ ގުޅިގެން ތިން ނޫސްވެރިއެއްގެ މައްޗަށް ދައުވާ ކުރަން ޖެހިދާނެ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ އެގައުމުގެ ޑިމޮކްރަސީއަށް ނޫސްވެރިކަމުގެ މިނިވަންކަން މުހިއްމުވި ނަމަވެސް ގާނޫނީ ވެރިކަން ހިންގަން ޖެހޭ ކަމަށާއި އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތި ނުވެވޭނެ މީހެއް ކަމަށް ވިދާޅުވެފަ އެވެ.

ރައިޓް ޓު ނޯ ކެމްޕެއިނުން ބުނާ ގޮތުގައި ފާއިތުވި 20 އަހަރު ތެރޭ އޮސްޓްރޭލިއާގައި ހަރުކަށިކޮށްފައިވާ ސަލާމަތީ ގާނޫނުތަކުގެ ސަބަބުން އެގައުމުގައި ތަހުގީގީ ނޫސްވެރިކަމަށް ވަނީ ހުރަސްއެޅިފަ އެވެ.

އަދި މީޑިއާތަކުން ދަނީ ވިސުލްބްލޯވަރުން ރައްކާތެރި ކުރުމަށް އިތުރު ފިޔަވަލު އެޅުމަށާއި މައުލޫމާތު ހޯދުމާއި ދިނުމުގެ މިނިވަންކަން އިތުރު ކުރުމަށާއި އެގައުމުގައި އޮންނަ ހަރުކަށި އަބުރުގެ ގާނޫނު އިސްލާހު ކުރުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް