ގައުމީ ބޭންކުގެ ހިންގުމުގެ ފައިދާ އެއް ބިލިއަން ރުފިޔާ ހުރަސްކޮށްފި

ބީއެމްއެލްގެ ހެޑް އޮފީސް: މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ވަނީ 307 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި -- ފޮޓޯ/ ބީއެމްއެލް

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 307 މިލިއަން ރުފިޔާގެ ފައިދާއެއް ލިބި، އެ ބޭންކުގެ ހިންގުމުގެ ފައިދާ އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

އެ ބޭންކުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާތައް ހާމަކުރުމަށް އެ ބޭންކްގެ އާ ސީއީއޯ ޓިމް ސޯޔާ މީޑިއާތަކާ އެކު ބޭއްވި ލަންޗެއްގައި ހާމަކުރެއްވި ގޮތުގައި، ބީއެމްއެލް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހަތަރު ޕަސެންޓު އިތުރު އަދަދެކެވެ.

އެ ހަފްލާގައި ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ފައިންޑިން ކޮސްޓާއި ޕްރޮވިޝަން ޗާޖު އިތުރުވެފައިވީ ނަމަވެސް ބޭންކަށް ލިބުނު ފައިދާ އިތުރުވެފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބުމުގެ ސަބަބުން ކަމަށެވެ.

ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައިކަން ޓިމް ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވި ގޮތުގައި އެ ބޭންކުގެ މާލީ ހާލަތު އޮތީ ރަނގަޅަށެވެ. މިހާރު ބެންކުން އެންމެ އިސްކަމެއް ދޭ ކަމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތްދީ، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޓިމް ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ވިޔަފާރީގެ މުހިއްމު ގިނަ ދާއިރާތަކުން ބޭންކުގެ އަމާޒުހުރީ ރަނގަޅު މިސްރާބުގައި ކަމަށާއި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ ފެންނަ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެ ރޮގުން އިތުރު ލުއި ފަސޭހަތަކެއް ކަސްޓަމަރުންނަށް ހޯދައިދެއްވުމަށް ވެސް އޭނާ މިއަދު ވައުދުވެ ވަޑައިގެންނެވި އެވެ.

"ޓެކްނޮލަޖީގެ ރޮނގުން ކުރިއަށް އޮތް ތަނުގައިވެސް ޓެކްނޮލޮޖީއަށް އިންވެސްޓްކުރާނެ. މިއީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކިން ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލާ އެއްގޮތަށް ހިދުމަތް ބައްޓަންކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް،" ޓިމް ވިދާޅުވި އެވެ.

ޓެކްނޮލޮޖީއަށް އިންވެސްޓްކޮށްގެން ބީއެމްއެލްއިން ހޯދާފައިވާ ބައެއް ކުރިއެރުންތައް ޓިމް ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލްގެ ޑިޖިޓަލައިޒްގެ ހިދުމަތްތައް:

- ސެލްފް ސާރވިސް ބޭންކިން ހިދުމަތް

- ޕޭމަންޓު ގޭޓްވޭތައް މެދުވެރިކޮށް އީކޮމާސްގެ ހިދުމަތް

- އޮންލައިން ބޭންކިންގެ ހިދުމަތް

- މޯބައިލް ވޮލެޓް

- ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތް

- ކަސްޓަމާ ކެއާ ސޯޝަލް މީޑިއާ މެދުވެރިކޮށް

"އަޅުގަނޑުމެންގެ އުންމީދަކީ ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ޑިޖިޓަލްކޮށްދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުން،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިއަހަރުގެ މިހާތަނަށް ހަތް ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމްކޮށް އެއް ބްރާންޗު ވަނީ ހުޅުވާފަ އެވެ. ބީއެމްއެލްގެ ކޭޝް އެޖެންޓުންގެ ގޮތުގައި 277 ފަރާތެއް އެބަ ތިބިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މި އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރެވޭނެ ހިދުމަތް ފުޅާ ކުރުމަށް ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް، އޭޓީއެމް އެއް ނުވަތަ އެޖޭންޓެއް މިހާރު ވަނީ ގާއިމް ކޮށްފައި،" ޓިމް ވިދާޅުވި އެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޕީއޯއެސްގެ ހިދުމަތް ފުޅާކުރުން ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.

comment ކޮމެންޓް