ޖަޕާނަށްދާ ދިވެހިންނަށް ވިސާގެ ލުއި ހޯދަން މަޝްވަރާކޮށްފި

ރައީސް ސޯލިހު ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ޖަޕާނަށް ދާ ދިވެހިންނަށް ވިސާގެ ކަންތައް ލުއިފަސޭހަކުރުމާ ގުޅޭގޮތުން އެ ގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ބައްދަލުކުރައްވައި ކުރިއަށްގެންދެވި މަޝްވަރާތަކުގަ އެވެ.

ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ރައީސް ސޯލިހު މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ޖަޕާނުން ވެދެމުންދާ އެހީ ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޖަޕާނުން ރާއްޖެއާ ދޭތެރޭ ގެންގުޅޭ ގާތް ގުޅުން ފާހަގަކުރައްވާ ރައީސް ވަނީ ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު އަބޭ ވަނީ ރައީސް ސޯލިހު ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކާ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޖަޕާނަށް ވަރަށް މުހިއްމު ގައުމެއްކަން ފާހަގަ ކުރައްވާ ބޮޑުވަޒީރު ވަނީ ރާއްޖޭގެ އުމުރާނީ ތަރައްގީ އާއި މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ. އަދި ވިސާގެ ކަންތައް ފަސޭހަކުރެއްވުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެގައުމުން އިސްކަންދޭ ބައިނަލްއަގުވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވައިފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޖަޕާނުގެ ތަހުތަށް އެމްޕެރާ ނަރުހީޓޯ އިސްކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ ނިމިދިޔަ ހަފުތާގެ ތެރޭގައި ޖަޕާނުގެ ކަންޓޯ ސަރަހައްދަށް އެރި ތޫފާން "ހަގިބިސް" ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެމަނިކުފާނުގެ އިހްލާސްތެރި ހެޔޮދުއާ ރައްދުކުރެއްވި އެވެ.

comment ކޮމެންޓް