ލ. އަތޮޅުގައި މޯބައިލް ލެބޯޓަރީގެ ހިދުމަތް ފަށައި، މުޅި ރާއްޖެއަށް ފުޅާކުރަނީ

އަމީން ވާޙަކަ ދައްކަވަނީ: މުޅި ރާއްޖެއަށް މޯބައިލް ލެބޯޓަރީގެ ހިދުމަތް ފުޅާ ކުރާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ މިނިސްޓްރީ

މޯބައިލް ލެބޯޓަރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރާނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިއަދު ވަނީ، ލ. އަތޮޅުގެ ހަތަރު ރަށެއްގެ ލެބޯޓަރީ ހިދުމަތް ފައްޓަވައިދެއްވާފައެވެ. އެއީ ލ. ކުނަހަންދޫ، ލ. ދަނބިދޫ، ލ. މުންޑޫ އަދި ލ. މާމެންދޫއެވެ. އެއާއެކު ލެބޯޓްރީ ސާމްޕަލް އެންމެ ކައިރީގައި ހުންނަ ލެބޯޓްރީއަކަށް ގެންދެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އަދި އޭގެ ނަތީޖާ ސީދާ ބަލި މީހާއަށް ލިބޭނެއެވެ.

މި ހިދުމަތް ފެއްޓުމަށް ކުނަހަންދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީި ސިއްހީ ދާއިރާ އަށް 50 އަހަރު ވެފައިވާއިރު، ލެބޯޓަރީ ހިދުމަތް މިހާތަނަށް ގައިމުވެފައިވަނީ ސިއްހީ ހިދުމަތްދޭ 187 ރަށުގެ ތެރެއިން ލެބޯޓަރީތައް ގައިމުވެފައިވަނީ 90 ރަށުގައި ކަމަށެވެ. ހުރިހާ ރަށަކަށް ލެބޯޓަރީތައް ގައުމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި، އަމީން ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރުތެރޭ އެ ވައުދު ފުއްދުން ކަމަށެވެ.

"މިއަދަކީ އެ ހިދުމަތުގެ ފަސޭހަކަން ފޯރުކޮށްދުނުމަށް މަސައްކަތް އަޅުގަނޑުމެން ފަށާ ދުވަސް. މި ފެށޭ ހިދުމަތާއެކު ލ. އަތޮޅުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް އެ ރައްޔިތަކު ދިރިއުޅޭ ރަށުގައި ހުރެގެން ލެބޯޓަރީ ހިދުމަތުގެ ފަސޭހަކަން ލިބިގެންދާނެ،" އަމީން ވިދާޅުވިއެވެ.

ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ

އަމީން ވިދާޅުވީ، ލެބޯޓަރީ ހިދުމަތުގެ ފަސޭހަކަން ރަށްރަށުން ލިބުމަށް ސިއްހީ ދާއިރާއަށް ސަރުކާރުން އެޅި މި މުހިންމު ފިޔަވަޅަކީ ހަރުދަނާ ފިޔަވަޅެއް ކަމަށާއި ކުރިއަށް އޮތްތާގައި ހިދުމަތް ފުޅާ ކުރެވި މުޅި ރާއްޖެއަށް އެ ހިދުމަތުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިއަދު މި ފަށާ މަސައްކަތަކީ، މިހިސާބުން [ލ. އަތޮޅުން] ފެށި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފުޅާވެގެންދާނެ ހިދުމަތެއް. އިރާދަކުރެއްވިޔާ މި ހިދުމަތްގެ ތެރެއިން މިއަދު އާންމު ބަލިތަކަށް ތަހުލީލުކުރުމުގެ އިންތިޒާމު އަތޮޅުތަކުގައި ހަމަޖެހުނު ނަމަވެސް ހާއްސަ ތަހުލީލުތައް ކުރުމަށްޓަކައި، މާލެއާ ހަމައަށް ނުވަތަ ރާއްޖެއިން ބޭރަށްވެސް މޯބައިލް ލެބޯޓަރީ ނިޒާމް މެދުވެރިކޮށް ފޮނުވުމަށް އިތުރަށް ފުޅާ ކުރެވިގެންދާނެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޒަމާނީ ސިއްހީ ފަރުވާގެ އެންމެ މުހިންމު އެއް ބަހާއަކީ، ލެބޯޓަރީ ހިދުމަތައްވާއިރު، އެ ހިދުމަތްތައް ބައެއް ރަށް ރަށުން ނުލިބުމުންގެ ސަބަބުން ރައްޔިތުން އަތުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަހުލީލު ކުރުމުގެ މަގުފަހުކޮށްދިނުމަށް މަސައްކަތް މީގެ ކުރިންވެސް ކުރި ނަމަވެސް ލެބޯޓަރީ ނެތް ރަށްރަށުގައި އިންތިޒާމީ ގޮތެގައި އުސޫލެއްގެ ތެރެއިން ތަރުތީބުކުރެވިފައިވާ ހަމަތަކުގެ މަތިން އެއީ ނިޒާމެއްގެ ގޮތުގައި ހިދުމަތް ދިނުމުގެ ނިޒާމެއް މިއަދާ ހަމައަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާދައިގެ ހަކުރު ޓެސްޓެއް ހަދަންވެސް މި ޖެހެނީ ރަށުން ފުރައިގެން ދާން. ވިއްސާރަޔަސް، ކިތަންމެ ތަކުލީފު ބޮޑަސް، ކިތަންމެ ހަރަދުބޮޑަސް އެހެން ގޮތެއް ނެތް. އެހެންވީމަ މި ހިދުމަތަކީ އަޅުގަނޑުމެންގެ އާންމު ދުޅަހެޔޮކަމަށްޓަކައިވެސް އެޅުނު މުހިންމު ފިޔަވަޅެއް،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް