ދީނީ އިލްމުވެރިން ލައްވާ އެމްޑީއެންގެ ރިޕޯޓު ދިރާސާކުރުވަނީ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ---

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ހިމެނޭ، އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔެފައިވާ ވާހަކަތައް ތަހުގީގީ ބޭނުމަށްޓަކައި ތިން ދީނީ އިލްމުވެރިއަކު މެދުވެރިކޮށް އިލްމީ ދިރާސާއެއް ހަދަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލުަމުންނެވެ. އަދި އެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާޙަކަތަކެއް ހުރުމުން ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ސަރުކާރުން ވަނީ ތަހުގީގު ނިމެންދެން އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ތަހުގީގުގެ ބޭނުމަށްޓަކައި، ރިޕޯޓުގައި ހުރި އިސްލާމީ އަގީދާއާއި ޝަރީއަތާ ހިލާފު ވާހަކަތަކާއި، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ދިރާސާކޮށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން މި ސާވިސްއިން މިހާރު މި ގެންދަނީ ތިން އިލްމުވެރިން މެދުވެރިކޮށް، ވަކިވަކިން މި ރިޕޯޓާއި ގުޅޭ އިލްމީ ދިރާސާއެއްކޮށް، ރިޕޯޓުގައި ހުރި އިސްލާމީ އަގީދާއާއި އިސްލާމީ ޝަރީއަތާ ހިލާފު ވާހަކަތަކާއި އިސްލާމްދީނަށް ތައުހީނުކުރުމާއި އިސްލާމްދީނާއި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސަލަމްއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބެލެވޭ ކޮންޓެންޓްގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރަސީ ރިޕޯޓެއް ތައްޔާރުކުރަމުންނެވެ،" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުންވެސް މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށަހަޅާނެކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/126019

ބަޔާނުގައި ބުނީ، އެ ފަންނުގެ ތަޖުތިބާކާރުންގެ އިލްމުވެރިންގެ ލަފަޔާއި އިރުޝާދާއެކު އެކުލަވާލެވޭ އެ ރިޕޯޓު ނިންމުމުން، އެމްޑީއެންގެ އެ ރިޕޯޓާ ގުޅިގެން އިދާރީ ގޮތުން ފިޔަވަޅު އެޅުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުއްވާނެ ކަމަށެވެ. ނަމަވެސް ދިރާސީ ރިޕޯޓު ނިމޭނެ ތާރީހެއް ބަޔާނުގައި ނުބުނެއެވެ.

ފުލުހުން މީގެ ކުރިންވެސް ވަނީ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. މިރޭ ފުލުހުން ނެރުނު ނޫސްބަޔާނުގައު ވެސް ވަނީ އެކަން ތަކުރާރުކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނީ، އެ މައްސަލަ މި މަހުގެ ތިންވަނަ ދުވަހު އަމިއްލަ ފަރާތަކުން އެ މުއައްސަސާއަށް ހުށަހެޅި އިރު، ރިޕޯޓުގެ މުސައްނިފާއި ރިޕޯޓު ތައްޔާރުކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އެހެންކަމުން އެމީހުން ތަހުގީގަށް ހާޒިރުކުރުމަށާއި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލުކުރުމުގެ މަސައްކަތް އެ މުއައްސަސާއިން ކުރަމުންދާކަމަށް ބަޔާނުގައި ބުންޏެވެ.

https://sun.mv/126064

"މި ގޮތުން ބައެއް ފަރާތްތަކަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓު ފޮނުވިފައިވާއިރު، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިވާ ނުވާ ފަރާތްތައް ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާނުކޮށްގެން ވަނީ އެންގިފައި،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން މިއަދު ވަނީ އެ ރިޕޯޓުގައި ލިޔުންތަކެއް ލިޔެފައިވާ، ޑރ. އަޒްރާ ނަސީމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފައެވެ.

ބަޔާނުގައި ބުނީ، އެ ރިޕޯޓު ތައްޔާރުކުރި ދުވަސްވަރު އެ ޖަމިއްޔާގައި މަސައްކަތް ކުރި ފަރާތްތަކާއި އަދި އެ މައްސަލައާ ގުޅުންހުރި މައުލޫމާތު ހުރި އެކި އެކި ފަރާތްތަކާވެސް ތަހުގީގަށް ސުވާލު ކުރަމުންދާކަމށް ބަޔާނުގައި ބުންޏެވެ.

https://sun.mv/126080

މައްސަލަ ފުލުހުން ބަލަމުންދާ އިރު، ބަޔަކު މީހުން ދަނީ މި ރިޕޯޓުގެ މައްސަލައިގެ ނާޖާއިޒު ފައިދާ ހޯދައި، ދީނަށް ނަސްރުދީ ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފުރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތަކެއް ފަތުރަމުން ކަމަށެވެ.

އަދި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިކަން ކަމަށް ދައްކައި، ފިތުނަވެރި އަމަލުތަކަސް ހިތްވަރު ލިބޭގޮތަށް ބަޔަކު މީހުން އަމަލުކުރަމުން ދާތީ އެކަމާ ފުލުހުން ކަންބޮޑުވާ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭނުން ނަހަމަ ގޮތުގައި ބަޔަކު މީހުން ބޭނުންކުރަމުންދާކަމަށް ފުލުހުން ގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފުރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަ ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅވިެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި، ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު މީހުން އަމަލުކުރަމުން ދާތީ އެކަމާ ފުލުހުން ކަންބޮޑުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަފަދަ ކަންކަން ތަކުރާރު ނުކުރުމަށް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް