ގަސް ކެނޑި މައްސަލަ ބަލަން އީޕީއޭގެ ޓީމެއް ބާރަށަށް

ހއ. ބާރަށުގެ ހޭޅިފަށުގައި ހުރި ގަސްތަކެއް ކަނޑާފައި -- ފޮޓޯ/ މުހައްމަދު ފުރުގާން

ހއ. ބާރަށުގައި ހުއްދަ ނެތި ރުކާއި ގަސް ކަނޑަމުން ދާކަމުގެ ޝަކުވާ ލިބިފައިވާތީ، ކަން ހިނގައިދިޔަ ގޮތް ބެލުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޓީމެއް މާދަމާ އެ ރަށަށް ދާނެކަމަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހއ. ބާރަށުގައި އަލަށް ގޯތި ދޫކުރި ސަރަހައްދުގެ ނަރުދަމާ މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި މަގު ހެދުމަށް ހުއްދަ ދީ، އީއައިއޭ ހެދުމަށްފަހު އެ ހިސާބުން 711 ރުއްގަސް ނެގުމުގެ ހުއްދަ އީޕީއޭއިން ވަނީ ދީފައެވެ.

އެހެން ނަމަވެސް ދީފައިވާ ހުއްދައިގެ ބޭރުން ކަންތައްތަކެއް ހިނގާކަމުގެ ޝަކުވާ، އެ ރަށުގެ ބައެއް ފަރާތްތަކުން ވަނީ އީޕީއޭއަށް ހުށަހަޅާފައެވެ. އެއާއެކު، އީޕީއޭއިން ވަނީ ބާރަށުގައި ގަވައިދާ ހިލާފަށް ރުއްގަސް ނެގުމުގެ ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ގަސް ވަނީ ނަގައިފައެވެ.

ނަމަވެސް އެރަށު ކައުންސިލުގެ ރައީސް އާސިފް އަބްދުﷲ "ސަން" އަށް ވިދާޅުވީ އީޕީއޭއަށް ލިބިފައި ވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށާއި، އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

"އެއީ ޖަމިއްޔާއަކަށް ދޫކޮށްފައި އޮތް ގޯއްޗެއް ސާފުކުރަން ވިނަ ނޮޅައި މަސައްކަތް ކުރަމުން ދަނިކޮށް، ދެން އެމީހުން މަސައްކަތް ކުރަން ހައިމާކެއް ގެންގޮސް އޮއްވާ ފެނިގެން ބަޔަކު އެކަން ރިޕޯޓު ކުރީ،" އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ އެ މައްސަލައިގައި އީޕީއޭ އިން ކައުންސިލަށް ގުޅައި، އެ މަސައްކަތް ހުއްޓުވަން އެންގުމުން މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.

ހުއްދައިގެ ބޭރުން ގަސް ކަނޑާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައިވެސް ކުރަމުން ދާ އިރު، އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެރަށުގައި ކަން ހިނގާފައިވާ ގޮތް ބަލަންދެން މަސައްކަތް ހުއްޓުވާފައިވާނެ ކަމަށެވެ.

" މާދަމާ އީޕީއޭގެ ޓީމެއް އެރަށަށް ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހއ. ބާރަށުން ވާހަކަދެއްކި މީހަކު ބުނީ، އެ ރަށުގައި ގަވައިދާ ހިލާފަށް ހިނގަމުންދާ ކަމަކީ ރަށް ވަށައިގެން ރިންގްރޯޑެއް ހެދުމުގެ މަސައްކަތް ކުރުމަށް، ހޭޅިފަށުގައި ހުރި ގިނަ އަދަދެއްގެ ގަސް ނެގުން ކަމަށެވެ.

އެހެން ނަމަވެސް ބާރަށު ކައުންސިލުން ބުނީ އެއީ "އެނގޭ މައުލޫމާތެއް ނޫން" ކަމަށެވެ.

comment ކޮމެންޓް