ވިކްޓަރީ މެޗަށް ހާޒިރު ނުވި އިރު ޔޫވީގެ ކޯޗު ޓީމާ ދުރަށް

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށްވެސް ވިކްޓަރީ ދަނޑަށް ހާޒިރު ނުވި އިރު އެ ޓީމުން މިއަދު މެޗު ކުޅެން އޮތް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު އެ މަގާމުން ވަކިވެއްޖެއެވެ.

މި ސީޒަނުގައި މީގެ ކުރިން ވެސް ދެ މެޗަކަށް ހާޒިރު ނުވުމުގެ ސަބަބުން ބޮޑު ޖޫރިމަނާއެއް ކޮށްފައި އޮތް ވިކްޓަރީން މިއީ ދެ އަހަރު ތެރޭ ލީގު މެޗަކަށް ހާޒިރުނުވި ފަސްވަނަ ފަހަރެވެ. ކަން މިހެންވާ ނަމަ އަންނަ ސީޒަނުގައި ވިކްޓަރީ ރާއްޖޭގެ ލީގުން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ބޮޑެތި މާލީ މައްސަލަތަކެއް ކުރިމަތިވެފައި އޮތް ވިކްޓަރީއަށް މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު މި ސީޒަނުގެ މެޗުތަކަށް ހާޒިރު ނުވުމުން ބޮޑެތި ޖޫރިމަނާތަކެއް އަންނާނެއެވެ.

ވިކްޓަރީން ސީޒަން ފެށީ ވެސް ބޮޑު އަނދަވަޅެއްގައި އޮވެގެންނެވެ. ޓީމުގައި ފައިސާ ނެތުމުން ތިބި ކުޅުންތެރިން ދޫކޮށް ސީޒަނާ ކުރިމަތިލީ ވެސް ވަރަށް ޒުވާން ސްކޮޑަކާ އެކުއެވެ. އެ ހާލުގައި ތިބި ނަމަވެސް ވިކްޓަރީގެ އޭރު ކޯޗަކަށް ހުރި މުހައްމަދު އާދަމް ދިޔައީ ޓީމާ އެކު އުންމީދީ ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ސީޒަން ކުރިއަށް ދިޔަވަރަކަށް ކޯޗާއި މެނޭޖްމެންޓާއި ދެމެދު އޮތް ގުޅުން ކެނޑި ކޮށްދެން ބުނި އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިކްޓަރީގެ އޭރުގެ ކޯޗު ބުންޏެވެ. އަދި އެކަމަށް ހައްލެއް ނުލިބި އޭނާ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދިނުމުން ދެން ފެނުނީ ޓީމުގައި ތިބި ކުޅުންތެރިން ވެސް މެޗުތަކަށް ހާޒިރުނުވާ މަންޒަރެވެ.

ވިކްޓަރީއާ ދެކޮޅަށް މިއަދު ކުޅެން އޮތް ޔުނައިޓެޑް ވިކްޓަރީއަށް ވަނީ ތިން ޕޮއިންޓާއި ދެ ގޯލުގެ ފައިދާއެއް ލިބިފަ އެވެ. ނަމަވެސް އެ ޓީމުގެ ކޯޗަކަށް ހުރި ނަޒީހު ދެން އެ ޓީމުގެ ކޯޗުކަމުން މި ސީޒަނުގައި ނުފެނިދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިއަދު ވިކްޓަރީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން، ނަޒީހު ބުނީ ޓީމުން ވަކި ވަނީ، މި ސީޒަންގައި ލިބެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން، ޓީމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބަދަލެއް ގެނައުމުގެ ގޮތުން ކަމަށެވެ. ލީގްގައި ޔޫވީ މޮޅުވީ ދެ މެޗުންނެވެ. މިއަދު ލިބުން ތިން ޕޮއިންޓާ އެކު 11 މެޗުގެ ތެރޭގައި އެ ޓީމަށް ލިބުނީ 11 ޕޮއިންޓެވެ.

"10 މެޗުން އަށް ޕޮއިންޓް ވީމަ އަޅުގަނޑަށް ހީވަނީ ސަބަބު ވަރަށް ސާފުހެން، އެއީ އެއް ރީޒަން، ދެން ކުލަބުގައި ވެސް އެބަހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް، އަޅުގަނޑު އަދި ދިޔަ ކަމުގައި ވިޔަސް ޔުނައިޓަޑް ވިކްޓަރީއަށް ކުރިއަށް ދެވޭނީ އެކަންކަން ވެސް ރަނގަޅު ކޮށްގެން." ނަޒީހު ބުންޏެވެ.

ޔުނައިޓަޑް ވިކްޓަރީން 2015 އަހަރު ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށް ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީވެސް ނަޒީހުގެ ކޯޗު ކަމުގަ އެވެ. ވިކްޓަރީގެ ބީ ޓީމުގެ ގޮތުގައި އުފެއްދި ޔުނައިޓެޑް ވިކްޓަރީގެ ހަޔާތުގައި ލިބުނީ ތިން ތައްޓެވެ. އޭގެ ތެރެއިން ދެ ތަށި ހޯދީ ނަޒީހު ކޯޗު ކަމުގައި ކަމަށެވެ.

comment ކޮމެންޓް