ވަޒީފާގެ މައިދާނުގައި ދިވެހި ޒުވާނުންގެ ހުނަރު ދެއްކުމަށް ނައިބު ރައީސް ގޮވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް -- ސަން ފޮޓޯ

ދިވެހީންނަކީ ހުނަރުވެރި، އަދި ފަސޭހައިން ކަންކަން ދަސްކުރާ ބައެއް ކަމަށާއި، ވަޒީފާގެ މައިދާނުގައި ދިވެހި ޒުވާނުން އެމީހުންގެ ހަގީގީ ހުނަރުވެރިކަން ދައްކަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދޭ ކޯޕަރޭޓް ސޯޝަލް ސްކީމް ތައާރަފުކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށް އެކި ރޮނގުތަކުން މީހުން އުފައްދަންޖެހޭ ކަމަށެވެ.

"ދުނިޔޭގެ އެއްވެސް ގައުމެއް ކުރިއަރައިގެން ނުދޭ ގާބިލު، ހުނަރުވެރި، އުފެއްދުންތެރި ޖީލަކާ ނުލައި. ކޮންމެ ގައުމެއްވެސް މަސައްކަތްކޮށްފައި އޮތީ ތަފާތު ދާއިރާތަކަށް މީހުން ބިނާކުރުމަށް،"

ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ މުސްތަޤްބަލަށް އެކި ރޮނގުތަކުން މީހުން އުފައްދަން ޖެހޭ ކަމަށާއި މިއަދު ތައާރަފުކުރި ސްކީމާއެކު އެކި ރޮނގުތަކުން ދިވެހިން ތަމްރީނު ކުރެވޭނެ ކަމަށެވެ.

"ދިވެހި ސަރުކާރުގެ [ޚާއްސަކޮށް އަދުގެ ރައީސުލްޖުމްހޫރިއްޔާގެ] ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށް ނުލުން. ދިވެހި ކޮންމެ ދަރިއަކީ ޤާބިލު މީހަކަށް ހެދުން. އެއީ މުޅި ސަރުކާރުގެ ސިޔާސަތު. އެގޮތުން އަޅުގަނޑުމެންނަށް އެއްވެސް ދިމާލަކުން ލިބެން އޮންނަ އެއްވެސް ފުރުސަތެއް ދޫކޮށްލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން." ފައިސަލް ވިދާޅުވިއެވެ.

https://sun.mv/126073

ނައިބު ރައީސް ވިދާޅުވީ ރައްޖޭގައި ބޭރު މީހުންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްނުލައި، ކަންކަން މެނޭޖްކުރަން ޖެހޭ ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ވަޒީފާގެ ބާޒާރު އޮތީ އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެފިޝަންޓް ވޯކްފޯސްއެއް (ވަޒީފާ އަދާކުރާ އާބާދީއެއް) އޮވެގެން ނޫނީ ގައުމު ކުރި ނާރާނެކަމަށް ގަބޫލުކުރަންޖެހޭކަމަށް ނައިބު ރައސް ވިދާޅުވިއެވެ.

"ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާންޖެހޭ. ވަޒީފާ އަދާކުރުމާއި ވަޒީފާއަށް ވަގުތު ދޭ އަދި އެކަމަށް ކަމޭހިތާ ބަޔަކު ކަމުގައި ނުވެއްޖެނަމަ ބޭނުންވާ ތަރައްގީއެއް ނުފެންނާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނަިއިބު ރައީސް ވަނީ، ދިވެހީންގެ ކިބައިގައި ހުންނަ ހުނަރުވެރިކަން ދައްކާ ބަޔަކަށް ވުމަށް ޒުވާނުންނަށް ގޮވާލައްވައިފައެވެ. އަދި ވަޒީފާ އަދާކުރާ ވަގުތު އެ ވަޒީފާގެ އަހަންމިއްޔަތު ދޭ ބަޔަކަށް ވާންޖެހޭކަމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިއަދު ތައާރަފު ކުރި ކޯޕަރޭޓް ސްކޮލަޝިޕް ސްކީމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ސްކީމެކެވެ.

އެ ސްކީމުގައި ސަރުކާރު ހިއްސާވާ އަށް ކުންފުންޏަކާއި އަމިއްލަ ތިން ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް