ކުންފުނިތަކުން ސްޓާފުންނަށް މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދޭ ސްކީމެއް ތައާރަފުކޮށްފި

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމު ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ ނަމުގައި މަތީ ތައުލީމަށް ޚާއްސަ ސްކީމެއް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ތައާރަފުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކީމް ތައާރަފު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ސްކީމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ސްކީމެއް ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން --- ސަން ފޮޓޯ

"ކުންފުނިތަކާއެކު ބޭއްވި މަޝްވަރާތަކުން އެނގިގެން ދިޔައީ އެބޭފުޅުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަން. އަގުހެޔޮކޮށް މީހުން ބިނާ ކުރުމުގެ ވަރަށް ބޮޑު ދޮރެއް ސަރުކާރު މެދުވެރިވެގެން މި ހުޅުވާލެވެނީ." މިނިސްޓަރު ވިދާޅުވި އެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ ދަށުން ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކުން ސަރުކާރަށް ލިބޭ ޕާޝަލް ސްކޮލަޝިޕް ސްކީމްތަކުން އެކުންފުނިތަކުގެ މުވައްޒަފުންނަށް ފުރުސަތު ހޯދައިދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގައި ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް

  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)
  • ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)
  • ދިރާގު
  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
  • މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)
  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
  • ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގައި ބައިވެރިވާ އަމިއްލަ ކުންފުނިތައް

  • ޓްރީޓޮޕް ހޮސްޕިޓަލް
  • އޭޑީކޭ
  • ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް

މި ސްކީމްގެ ދަށުން ސްކޮލަޝިޕްތަކަށް މީހުން ހޮވުމުގެ ހުރިހާ ކަމެއް ކުރާނީ ހަޔަރ އެޑިއުކޭޝަނުންނެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބޭރުގެ އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މިހާރު ވެސް 1000 އަށްވުރެ ގިނަ ޕާޝަލް ސްކޮލަޝިޕް ވަނީ ލިބިފަ އެވެ. މިނިސްޓްރީން ބުނީ މިއަދު ތައާރަފު ކުރި ސްކީމާއެކު އެ ސްކޮލަޝިޕްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށެވެ.

comment ކޮމެންޓް