ރައީސްގެ ދެކަނބަލުން ޖަޕާނަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ޖަޕާނުގައި -- ފޮޓޯ/ ރައީސް އޮފީސް

ޖަޕާނުގެ އާ އެމްޕެރަރ ތަޚުތަށް އިސްވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ޖަޕާނަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް އެގައުމަށް ވަޑައިގެންފައިވާ އިރު، އެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް ފަށާނީ މާދަމާކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމާއި، ޖަޕާނު ސަރުކާރުގެ މަތީ ފަންތީގެ ގިނަ ބޭފުޅުންނާ ބައްދަލުކުރެއްވުމާއި، އަދި ދެގައުމުގެ ދެމެދުގައި އެކި ރޮނގުރޮނގުން ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީ އަދި ޕްރައިވެޓް ސެކްޓާގެ މުހިންމު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި އޮންނަ ރަސްމީ ވާހަކަތަކުގައި، އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި، ރާއްޖޭގެ ތަރައްގީއަށް މިހާރު އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމާއި، އުމްރާނީ މަސައްކަތަށް ބޭނުންވާ އެހީ އަދި އެކި ދާއިރާތަކުން އިންވެސްޓްމެންޓު ހޯދުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް އުވައިސް މަރުހަބާ ވިދާޅުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޖަޕާނުގެ އެމްޕެރަރ ނަރުހިޓޯ، ރަސްމީކޮށް ތަޚުތަށް އިސްވެވަޑައިގަތުމުގެ ރަސްމިއްޔާރުގައި، ރައީސް ސޯލިހާއި ދުނިޔޭގެ އެހެން ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނާނެއެވެ. އަދި ގައުމުތަކުގެ އެންމެ އިސްވެރިން ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ ހާއްސަ ހަރަކާތެއްގައިވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ކަންކަމުގެ އިތުރުން ޖަޕާނުގެ ބައެއް ތާރީހީ އަދި ސަގާފީ ބިނާތަކަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވަން އޮތީ ހަމަޖެހިފައެވެ. އެގޮތުން ކިޔޯޓޯ ސިޓީ، ހިރޮޝީމާ އަދި އޮސާކާއަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް