ކަޝްމީރުގެ މައްސަލައިގައި މޯދީގެ ތުރުކީ ދަތުރުފުޅު ކެންސަލްކޮށްފި

ނިއުދިއްލީ (އޮކްޓޯބަރ 20): ޖަންމޫ ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކަށް ތުރުކީން ފާޑުކިޔުމުން، އިންޑިއާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ތުރުކީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަހިންދޫ" ބުނާގޮތުން މޯދީ ތުރުކީވިލާތަށް ކުރައްވަން ރޭއްވެވި ދަތުރުފުޅު ކެންސަލްކުރެއްވީ އިންޑިއާގެ ގާނޫނު އަސާސީގައި ޖަންމޫ ކަޝްމީރަށް ދީފައިވާ ލާމަރުކަޒީ ޚާއްސަ ހާލަތާ ގުޅޭ މާއްދާ ކަމަށްވާ 370 ވަނަ މާއްދާ އިންޑިއާގެ ގާނޫނު އަސާސީން އުނިކުރި މައްސަލައަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ފާޑުވިދާޅުވުމުންނެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގުރީރުގައި އުރުދުޣާންވަނީ ޖަންމޫ ކަޝްމީރަށް ޚާއްސަ ހާލަތުދޭ މާއްދާ އުވާލި މައްސަލައިގެ އިތުރުން އިންޑިއާ ސިފައިން އެސަރަހައްދު ބަންދުކޮށް ރައްޔިތުންނަށް ދޭ އާންމު ޚިދްމަތްތައް ކަނޑާލައި އިންޑިއާ ހިންގާ ހަރުކަށި އަމަލުތަކަށް އުރުދުޣާން ވަނީ ފާޑުވިދާޅުވެފައެވެ.

ހިންދޫންގެ ހަރުކަށި ގައުމީ ފިކުރުގެ ބޭފުޅެއްކަމަށްވާ މޯދީގެ ސަރުކާރުންވަނީ ކަޝްމީރުގެ ރައްޔިތުން ބޭރަށް ނުކުތުން މަނާކޮށް ފޯނުގެ ޚިދުމަތްތައް ކަނޑާލައި ސިޔާސީ ހަރަކާތްތައް ހިންގުން މަނާކުރުންފަދަ ޑިމޮކްރަސީ އާ އަދި އިންސާނީ ހައްގުތަކާ ޚިލާފު އެތަށް އަމަލުތަކެއް ޖަންމޫ ކަޝްމީރުގައި ހިންގާފައެވެ. މިމައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑިކިޔުންތައް އިންޑިއާއަށް އަމާޒުވެފައިވީނަމަވެސް އެ ފާޑިކިޔުންތަކަށް އިންޑިއާއިން ސަމާލުކަން ދީފައެއް ނުވެއެވެ.

އދ. ގައި ދެއްވި ތަގްރިރުގައި އުރުދުޣާންވަނީ ކަޝްމީރުގެ ރައްޔިތުން އެދޭގޮތަށް އެމީހުންގެ މުސްތަގްބަލް ކަނޑައެޅުމުގެ ފުރުސަތު ދިނުމަށް އިންޑިއާ ސަރުކާރަށް ގޮވާލައްވާފައެވެ. އިންޑިއާގެ ގާނޫނު އަސާސީގައި ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ ލަމަރުކަޒީ ހާލަތު އުވާލުމަށްފަހު މޯދީގެ ސަރުކާރުންވަނީ އެސަރަހައްދު ޔޫނިއަން ސްޓޭޓްތަކަކަށް ބަދަލުކޮށްފައެވެ. ޖަންމޫ ކަޝްމީރުގެ އާންމުންނާ ދެކޮޅަށް އިންޑިއާ ސިފައިން ހިންގާ އަމަލުތައް މެލޭޝިއާއިންވެސްވަނީ ކުށްވެރިކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު