ގިނަ ރަށްތަކުގައި ރިސޯޓް ހެދުން ހުއްޓިފައި، ރަށްތައް ނަގަނީ

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ ކުރީ ސަރުކާރުތަކުން ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކުގެ މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ނިންމިފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ރިސޯޓު ތަރައްގީ ކުރަން ދޫކުރި ރަށްތަކުގެ ތެރެއިން 115 ރަށާއި ހޮޓެލް ތަރައްގީ ކުރަން ދޫކުރި 21 ތަނުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ 115 ރަށުގެ ތެރެއިން 70 ރަށަކީ އެކި ސަބަބުތަކާހުރެ "ޑިސްޓްރެސްޑް" ލިސްޓަށް އިތުރު ކޮށްފައިވާ ރަށްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ރަށްތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ސުންގަޑިއަށް ވާސިލުވާ މިންވަރަށް މަސައްކަތް ނުހިނގާ ތަންތަނާއި ޓާމިނޭޓް ކުރަން ނިންމާފައިވާ ތަންތަން ހިމެނެ އެވެ.

"މި ދެންނެވި ކޮންމެ ތަނެއްގައި އެބައޮތް ލީސް އެގްރީމަންޓެއް. އެހެންވީމާ އެ ރަށެއްގައި ހިނގާ ހުރިހާ އެކްޓިވިޓީސްއަށް ޒިންމާވާން ޖެހޭނީ އެ ފަރާތެއް. އެއީ ކުރީ ސަރުކާރަކުން ވިޔަސް، ޓޫރިޒަމް މިނިސްޓްރީން ލީސް އެގްރީމަންޓެއް ހަދާފައި އޮތީ... މި މައުލޫމާތުތައް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓަށް އަޅުގަނޑު މިނިސްޓަރު ކަމާ ހަވާލުވި ފަހުން ލާފައި ހުންނާނީ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އެ ލިސްޓުގައި ބަޔާންކޮށްފައިވާ 70 ރަށުގެ ތެރެއިން މަސައްކަތް ކުރިއަށްދާ ކަމަށް ބަޔާންކޮށްފައިވަނީ 14 ރަށެކެވެ. އަދި އެ ލިސްޓުގައި ހިމެނޭ ދެ ރަށެއްގެ އެއްބަސްވުން މި ސަރުކާރުން އުވާލަން ނިންމާފައިވާ ކަމަށާއި ބަދަލު ދިނުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ބަދަލު ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑިސްޓްރެސްޑް ލިސްޓުގައި ބަޔާންކޮށްފައިވާ 70 ރަށުގެ އިންސްޕެކްޝަން މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު