ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާ ކަމަށްވާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކޮށްފައިވަނީ ވަރަށްވެސް ކުލަ ގަދަކޮށެވެ. ފިލްމީ ދުނިޔޭގެ އެހާރާއި މިހާރުގެ ފަންނާނުން ބައިވެރިވި އިވެންޓުގައި ހުރިހާ ފަންނާނުންވެސް ވަނީ ތަފާތު ހެދުންތަކެއް އަޅާފައެވެ. އިވެންޓުގެ ކުލަގަދަކަން ފަންނާނުންގެ ހެދުންތަކުން ފެނިގެން ދިޔައެވެ. ނަމަވެސް އެ ހެދުންތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެކްޓަރު އަދި ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އެ އިވެންޓުގައި ލައިގެން ހުރި ގަމީހެވެ.
ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުމުގެ ހަފްލާގައި ޖާދު ލައިގެން ހުރި ގަމީހަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ނުހުއްޓެންވީ ސަބަބެއްވެސް ނެތެވެ.
ޖާދު އަމިއްލައަށް ޑިޒައިންކޮށް ތައްޔާރުކޮށްފައިވާ ގަމީހަކީ ތަފާތު ގަމީހެކެވެ. ގަމީހުގެ އަރިމައްޗެއްގައި ގޮށްފަތި ހުރިއިރު އެ ގަމީސް ހާއްސަ ވެގެންދާ ސަބަބަކީ އެއީއެއް ނޫނެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެ ގަމީހުގައިވާ ލިޔުންގަނޑަށެވެ.
އެ ލިޔުމުގައި ވަނީ ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުމުން މަރުހަބާ ކިޔާފައެވެ. ޖާދުގެ ގަމީހުގައި ވަނީ ނިއުމާއަށް ތައުރީފުގެ އެތައް ބަސްތަކެއް ލިޔެފައެވެ.
އެ ގަމީހުގައި ބުނެފައިވަނީ ނިއުމާއަކީ މި މުޖުތަމައުގެ އަންހެނުންނަށް ހުރި ބޮޑު ފަހުރެއް ކަމަށެވެ. އަދި އޮން ސްކްރީނުން ފެށިގެން ސްކްރީނު ފަހަތުގައި ހުރެވެސް ނިއުމާ ދައްކާފައިވަނީ ނަމޫނާއެއް ކަމަށް އޭގައި އިޝާރާތްކޮށްފައިވެއެވެ.
ކޮންމެއަކަސް އެ ގަމީހާ ގުޅިގެން ސޯޝަލް މީޑިއާގައިވެސް ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.
އެއް ބަޔަކު ވަނީ ޖާދު އެ ގަމީސް ލައިގެން ހުރުމުން އެކަމުން ކޮންފިޑެންސް ފެނިގެންދާ ކަމަށް ބުނެ ތައުރީފުކޮށްފައެވެ. އަދި އެ ހެދުމުގެ ހިޔާލަކީ ތަފާތު ހިޔާލެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.
ޖާދު ބުނެފައިވަނީ އެ ގަމީސް ފެހުމަށްފަހު އެ މެސެޖު އޭގައި ބޭނުންކުރުމަށް ނިންމީ ނިއުމާ އަށް އޮތް ގަދަރާއި ލޯބި ތަފާތު ގޮތަކަށް ދައްކާލުމަށް ބޭނުންވެގެން ކަމަށެވެ.
ނިއުމާގެ އިވެންޓުގައި އޭނާ ލައިގެން ހުރި ހެދުންވެސް ޑިޒައިންކޮށް ފަހާފައިވަނީ ޖާދުއެވެ.