އިންފޮމޭޝަން ކޮމިޝަނަރަށް ރުހުން ދިނުން މާދަމާ

މަޖިލިސް: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން މާދަމާއަށް ވަނީ އެޖެންޑާ ކޮށްފައި --- ފޮޓޯ/ މަޖިލިސް

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަން ދިރާސާކޮށް، އޭގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެ ތިން ބޭފުޅުންނަކީ:

  • ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި
  • އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
  • އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ

މި ތިން ބޭފުޅުންގެ ތެރެއިން ހުސައިން ފިޔާޒު މޫސާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފަައި ހުންނެވި ފަރާތެކެވެ. އަހްމަދު ފަޔާޒް ހަސަނަކީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެކެވެ. އަދި އަހްމަދު އާހިދު ރަޝީދު މަސައްކަތްކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގަ އެވެ.

މި ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވަން ކޮމިޓީން ފާސްކުރީ އިންޓަވިއު ކުރުމަށްފަހު އެވެ. އެހެން ނަމަވެސް އެބޭފުޅުންނަށް މާކްސް ދީފައެއް ނުވެ އެވެ.

މާދަމާގެ ޖަލްސާގައި ކޮންމެ ބޭފުޅަކަށް ވެސް ވަކިވަކިން ވޯޓަށް އެހާނެ އެވެ.

އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެ މަގާމަށް އައްޔަން ކުރީ 2014 ޖުލައި 22 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް