އަފްޣާނިސްތާނުން ޓެރަރިޒަމް ނައްތާލުމަށް މަސައްކަތް ކުރުމުގައި ދެމިއޮންނާނަން: އެމެރިކާ

ޕޮމްޕެއޯ އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޣަނީ އާބައްދަލުކުރައްވަނީ

ވޮޝިންޓަން (އޮކްޓޯބަރު 20) : އަފްޣާނިސްތާނުގެ މިސްކިތަކަށް މިދޔަ ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް އެގައުމުން ޓެރަރިޒަމް ނައްތާލުމަށް މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމެރިކާ ދީފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ސޮއިކުރައްވައި އެމެރިކާގެ ޚާރިޖީ ވުޒަރާއިން ނެރުނު ބަޔާނެއްގައި ޓެރަރިޒަމް ނައްތާލުމަށް އެމެރިކާ އިން ބޮޑެތި ޚަރަދުތަކެއްކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބުނެ އެމަސައްކަތުގައި އަދި ވެސް ދެމިއޮންނާނެކަން ހާމަކޮށްފައިވެ އެވެ. އަދި އަފްޣާން ރައްޔިތުން ޓެރަރިޒަމާއި ހަނގުރާމައިން ސަލާމަތްވުމަށް ކުރަމުން ގެންދާ އުންމީދުތަކުގައި އެމެރިކާ ބައިވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެމެރިކާ މިހެން ބުނެފައި މިވަނީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް ޓަކައި ތާލިބާނުންނާ ދައްކަމުން ގެންދިޔަ ވާހަކަތައް އެމެރިކާއިން ހުއްޓާލާފައިވާ ވަގުތެއްގަ އެވެ.

އަފްޣާނިސްތާނުގެ އިރު ދެކުނުގެ ޕްރޮވިންސެއްކަމަށްވާ ނަންގަހާރުގެ މިސްކިތަށް ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި 70 މީހުން މަރުވެފައިވާ އިރު 50 މީހުން ޒަޚަމްވެފައިވެ އެވެ. ނަންގަހާރް ޕްރޮވިންސަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ގިނަ ސަރަހައްދަކަށްވާއިރު އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާޢަތުން ވަނީ އެއީ އެޖަމާއަތުގެ ހަމަލާއެއް ނޫންކަމަށާ އެއީ އައިއެސް ޖަމާއަތުގެ ހަމަލާއެއްކަމަށް ބުނެފަ އެވެ.

ނަންގަހާރު ޕްރޮވިންސްގެ ކައުންސިލް މެންބަރެއް ކަމުގައިވާ ސޮހްރާބް ޤާދިރީ ވަނީ މަރުވި މީހުންގެ ހަށިތަކުގެ ތެރެއިން އެއީ ކޮންބައެއްކަން ކަށަވަރުކުރެވުނު ހަށިތައް އެމިހުންގެ އާއިލާތަކާ ހަވާލުކުރަމުން ގެންދާކަމަށް ވިދާޅުވެ މިހާތަނަށް 69 މީހެއްގެ ހަށިތައް އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާކަން ހާމަކުރައްވާފަ އެވެ.

ބޮމުގެ ހަމަލާ އަމާޒުކުރި މިސްކިތް ހުންނަނީ ނަންގަހާރުގެ ހަސްކާމޭނާގެ ޖޯދާރާ ސަރަހައްދުގަ އެވެ. އެ މިސްކިތުގައި ބާރުގަދަ ބޮމެއް ގޮއްވާލާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ޚުތުބާ ކިޔަމުންދަނިކޮށެވެ. އޭރު އެމިސްކިތުގައި މަދުވެގެން 150 މީހުން ތިބޭނެކަމަށާ އެމިސްކިތުގައި ޖެހިޖެހިގެން ދެބޮން ގޮއްވާލާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. ބޮމުގެ ހަމަލާއާ އެކު އެ މިސްކިތުގެ ފުރާޅުވެއްޓިފައިވާއިރު މަރުވި މީހުންގެ ލެއާއި ހަށިތަކުގެ ކުދިކުދިވެފައިވާ ބައިތައް އެމިސްކިތުގެ އެތަންމިތަނުގައިވާ ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް