އިންޑިއާގައި ކޮޕީ ކުރުން ހުއްޓުވުމަށް ދަރިވަރުންތަކެއްގެ ބޮލުގައި ފޮށި އަޅުވައިފި

ކޮޕީ ކުރުން ހުއްޓުވުމަށް ދަރިވަރުންގެ ބޮލުގައި ފޮށިގަނޑުތައް އަޅާފައި -- ފޮޓޯ: އޭއެންއައި

ދިއްލީ (އޮކްޓޯބަރު 20): އިންޑިއާގެ ސްކޫލެއްގައި ޓެސްޓެއް ކުރިއަށް ދިޔަ ވަގުތު ކޮޕީ ކުރުން ހުއްޓުވުމަށް ދަރިވަރުންތަކެއްގެ ބޮލުގައި ފޮށިގަނޑުތައް އަޅުވައިފި އެވެ.

އިންޑިއާގެ ކަރުނާޓަކާ ސްޓޭޓުގެ ބަގަތު ޕްރީ ޔުނިވާސިޓީ ކޮލެޖުގައި ބޭއްވި ކެމިސްޓްރީ ޓެސްޓެއްގައި ދަރިވަރުންގެ ބޮލުގައި ކަރުދާސް ފޮށިގަނޑުތައް އަޅުވާފައިވާ މަންޒަރު ފެންނަ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

އަދި އެ ކޮލެޖަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވާން ފެށުމުން ކޮލެޖުން ވަނީ މާފަށް އެދިފަ އެވެ. އަދި އެތަނުގެ ޖޫނިއާ އެޑްމިނިސްޓްރޭޓަރެއް ކަމަށްވާ އެމްބީ ސަތިޝް ވިދާޅުވި ގޮތުގައި އެ ކޮލެޖުން އެފިޔަވަޅު އެޅީ އެހެން ތަނެއްގައި އެގޮތަށް އަމަލު ކުރާ ކަމަށް ހަބަރު ލިބިގެން، އަޖުމަ ބަލާލުމަށެވެ. އަދި ދަރިވަރުންގެ ބޮލުގައި ފޮށިގަނޑުތައް އެޅުވީ އެމީހުންގެ ހުއްދައާ އެކު ކަމަށާއި އެއީ ދަރިވަރުން އަމިއްލައަށް ގެންދިޔަ ފޮށިތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"އެކަމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތް. ފޮޓޯއިންވެސް ފެންނާނެ ބައެއް ދަރިވަރުން ފޮށިގަނޑެއް ނާޅާ ތިބިކަން. ބައެއް ދަރިވަރުން 15 މިނިޓު ފަހުން ފޮށިގަނޑުތައް ނެގި އަދި އެއް ގަޑި ފަހުން ހުރިހާ ދަރިވަރުންވެސް ފޮށިގަނޑުތައް ނެގުމަށް އަޅުގަނޑުމެން އެންގިން،" ސަތިޝް ވިދާޅުވި އެވެ.

އެހާދިސާއާ ގުޅިގެން އެސަރަހައްދުގެ ޕްރީ ޔުނިވާސިޓީ އެޑިއުކޭޝަން ބޯޑުން ވަނީ ބަގަތު ކޮލެޖާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ވިސްނަމުންދާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް