ގާނޫނާއި ހިލާފަށް ލައިސެންސެއް ނެތި އދ. ފުށިދިއްގާގައި ޓުއަރިޒަމް ވިޔަފާރި ހިންގައި މާލީ މަންފާ ހޯދި މައްސަލައިގެ ތަހްގީގް ފުލުހުން ފަށައިފި އެވެ.
ނިމިދިޔަ ސަރުކާރުން ފުށިދިއްގާ ދެ ބަޔަކަށް ވިއްކާލުމަށް ފައިސާ ނަގާފައިވާ މައްސަލައެއް ފެންމަތިވެ އެ ރަށުގެ މިލްކްވެރިކަމާއި މެދު ސުވާލު އުފެދިފައިވަނިކޮށް އެ ރަށުގެ ހައްގުވެރިކަމަށް ދައުވާކުރި އެހެން ފަރާތަކުން، ޓުއަރިޒަމް ވިޔަފާރިކޮށް އެ ރަށުން މާލީ މަންފާ ހޯދި މައްސަލަ ފުލުހުން ތަހުގީގް ކުރަން ފަށައިފި އެވެ.
އެރަށުގެ ބެލެނިވެރިކަމަށް ދައުވާކުރާ ދެ ފަރާތަކީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކާއި މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ.
ގާނޫނާއި ހިލާފަށް އެ ރަށް ޓުއަރިޒަމަށް ބޭނުންކުރާ ކަމަށް އަޑު ފެތުރިފައިވަނިކޮށް ފުލުހުންނާއި ޓުއަރިޒަމްގެ ޓީމެއް މިއަދު ވަނީ އެ ރަށަށް ގޮސްފަ އެވެ. އަދި އެކަމަށް ބާރު ލިބޭ ހެކިތަކެއް ވެސް އެ ރަށުން އެއްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
އެ ރަށަކީ ދައުލަތުގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ކަމަށް ވުމުން ފުލުހުންނާއި ޓުއަރިޒަމް މިނިސްޓްރީގެ ޓީމުން އެރަށް އެރީ ކޯޓް އަމުރަކާ ނުލަ އެވެ.
"ގާނޫނާއި ހިލާފަށް ކަމާ ގުޅޭ ހުއްދަތަކާއި ލައިސެންސް ނެތި އެރަށުގައި ޓުއަރިޒަމް ވިޔަފާރި ހިންގި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުން،" ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.
ފުލުހުން މިއަދު އެ ރަށަށް އަރާފައިވާއިރު އެ މައްސަލައާ ގުޅުންހުރި ބައެއް ލިޔެކިޔުންތަކާއި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ވެސް އިޒްމިއާ ފާހަގަ ކުރެއްވި އެވެ.